ބަޖެޓު ތަރުތީބުކޮށްގެން މިއަހަރުވެސް ބޮޑެތި މަޝްރޫއުތައް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ދާންދުއަށް ވަޑައިގެން މިއަދު ހަވީރު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުން ދާންދޫގެ ރައްޔިތުންގެ ވިސްނުމުގައި ހުރި މުހިންމު ކަންކަމާއި ބޮޑެތި މަޝްރޫތަކަށް ވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.

"ކުރިއަށްއޮތް ދުވަސްތަކުގައި އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން ޖާގަ ލިބޭ މިންވަރަކުން އެކަހަލަ ބޮޑެތި މަޝްރޫއުތައް ވެސް އިރާދަކުރެއްވިއްޔާ ހިންގައިދޭނަން. އަދި ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓް ގެނެވޭ ނަމަ، އަދި މާ ފަސޭހަވާނެ ކަންކަން ކުރަން. އެހެންވީމާ ތިބޭފުޅުން އެންމެ އުންމީދުކުރާ އެންމެ ބޮޑެތި މަޝްރޫއުތަކުން ގޮސް، އެންމެ ކުދި މަޝްރޫއުތައް ހިމެނޭގޮތަށް ހުރިހާ ކަމަކަށް ވެސް އަޅުގަނޑު ބަލާނަން ސަރުކާރު ތެރެއިން ކަންކަން ފަހިކޮށްދެވޭތޯ. އަދި ފަހިކޮށް، އިރާދަކުރެއްވިއްޔާ އެކަންކަން ކޮށްދޭނެ ވާހަކަ ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދާންދޫ ކައުންސިލުން އެ ރަށުގައި ކުރަން ހުރި 28 ކަމެއްގެ ވާހަކަ ފާހަގަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަކީ ބަޖެޓުގައި ހިމެނިފައި ހުރި ކަންކަން ކަމަށެވެ. ނަމަވެސް ބަޖެޓުގައި ހިމަނާފައިވަނީ ފައިސާގެ އަދަދުތަކުން ވަރަށް ކުދި އަދަދުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް މަސައްކަތްތައް ތަރުތީބުކޮށްގެން މީގެ ތެރެއިން ގިނަ ކަންކަން އަޅުގަނޑުމެން މިއަހަރު ފަށާނަން. އަދި ބަޖެޓުން ޖާގަ ނުލިބޭ ކަންކަމުގައި އެކަމުގައި އޮންނަ އުސޫލުގެ ތެރެއިން، އެއްގޮތަކީ ޕްރައިވެޓް ސެކްޓާ ފައިނޭންސްގެ ތެރެއިން ކުރެވެން ހުރި ކަންކަމަށް މަސައްކަތްކުރުން. ދެން އޮތީ މި އަންނަ އަހަރުގެ ބަޖެޓަށް ލެވޭތޯ ބެލުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެން ހުރި އެކި ކަންކަން ތަރުތީބުކޮށްގެން ދާންދޫގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ ކަމަށާއި އެންމެ އިސްކަންދެއްވާނީ އެންމެ މުހިންމު ކަންކަމަށް ކަމަށެވެ. އަދި ޖުމުލަގޮތެއްގައި ހުރިހާ ކަމަކަށް ވެސް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.