މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ، އަންނަ ހޯމަ ދުވަހުގެ ކުރިން ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސް ކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސް ވެގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި އިހުތިޖާޖު ކުރަމުންދާއިރު، ހޯމަ ދުވަހުން ފެށިގެން އައްޑޫ ހުޅުމީދޫގައި ހުންނަ މަސް ފެކްޓަރީގެ މަސައްކަތް ހުއްޓުވާ، އެރަށުގައި ވެސް މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އެކަން ހައްލުކުރުމަށް ސީދާ ޝިޔާމް މަސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު، އޭނާ މިއަދު "ވަން" އަށް ވިދާޅުވީ، މިއަދާއި މާދަމާ 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރާނެ ކަމަށެވެ. އަދި އަންނަ ހަފުތާގެ އާދީއްތަ ހިސާބުގައި އިތުރު 30 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.
"މި ފައިސާއަކީ މިފްކޯއަށް ލިބެން ހުރި ބައެއް ފައިސާގެ އިތުރުން ދައުލަތުން ދޭ ސަބްސިޑީ ފައިނޭންސް އިން މެނޭޖުކޮށްދޭ ފައިސާ،" މަސްވެރިންނަށް ދޫކުރާ ފައިސާއަކީ ފައިނޭންސިން ފެސިލިޓީއެއް ލިބިގެންދޭ ފައިސާތޯ ސުވާލުކުރުމުން ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ މެންބަރުންނަށް ޖަވާބުދާރީ ވަމުން ޝިޔާމް ވަނީ މިހާރު މަސްވެރިންނަށް ދައްކަން އޮތީ 280 މިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން ދައްކާނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އަދި ބާކީ އޮންނަ 180 މިލިއަން ރުފިޔާ ފަހެއް މާޝުގެ ކުރިން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު