މިފްކޯއިން މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި އެތައް މަސްތަކެއް ވެފައިވާތީ ގއ. ކޫއްޑޫގައި މަސްވެރިން މުޒާހަރާކޮށް އެ ކާރުހާނާގެ އޮޕަރޭޝަންތައް ހުއްޓުވާލައިފިއެވެ.
މުޒާހަރާ ކުރާ މަސްވެރިންނާ ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑުއަށް މިއަދު ހަވީރު ވަޑައިގަންނަވަން މިހާރު ވަނީ ނިންމަވައިފައެވެ.
މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވާތީ ހުވަދޫގެ މަސްވެރިން އިސް ނަގައިގެން ފެށި މުޒާހަރާއާ އެހެން ސަރަހައްދުތަކުގެ ދޯނިތަކުގެ މަސްވެރިންވެސް ވަނީ ގުޅި، ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފައެވެ. އަދި ބައެއް މަސްވެރިން އެ ފެކްޓްރީގެ އޮފީސް ތެރެއަށް ވަދެ، ކޫއްޑުގެ ޕްރޮސެސިން ޕްލާންޓުގެ އިސް މެނޭޖްމަންޓުގެ މަގާމެއް އަދާކުރައްވާ އަންވަރު ސާދާތުއާ ދިމާލަށް ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ.
ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން 'އެކްސް'ގައި ޕޯސްޓުކުރެއްވި ގޮތުގައި، މަސްވެރިން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ހޯދުމަށްޓަކައެވެ.
"ސަރުކާރުން މަސްވެރިންނާ މެދު އިހުމާލުވުން ހުއްޓާލަން ޖެހޭ. މަސްވެރިންނަށް ދޭން ޖެހޭ ހައްގު ފައިސާ ވަގުތުން ވަގުތަށް ދޫކުރުމަށް ގޮވާލަން،" ސައުދުގެ ޕޯސްޓުގައިވެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އަންނަ ރޯދަ މަހުގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި 270 މިލިއަން ރުފިޔާ އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު