މަސްވެރިން، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރުވި މަހަށް ފައިސާ ލިބުން ލަސްވާ ކަމަށް ބުނެ، ބައެއް ދޯނިތަކުގެ މަސްވެރިން ކޫއްޑޫގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ގއ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެކްސްގައި، ހިއްސާކުރެއްވި ވީޑިއޯއަކާއެކު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިންނާއި އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިުވާ ކަމަށެވެ.
"ދުވަހުން ދުވަހަށް މަސްވެރި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ކަންކަމަށްވެސް ވަނީ ދަތިވެފައި" ސައުދު ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޫއްޑޫގައި މުޒާހަރާ ކުރަމުންދަނީ ހުވަދޫގެ ހަތަރު ދޯންޏެއްގެ ފަޅުވެރިންނެވެ. އަދި އިތުރު ދޯނިތަކުގެ ފަޅުވެރިންވެސް މުޒާހަރާގައި ބައިވެރިވުމަށް އަންނަމުންދާކަން އެނގިފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު "ވަން" އަށް މިއަދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އަންނަ ރޯދަ މަހުގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި 270 މިލިއަން ރުފިޔާ އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު