ރާއްޖޭގައި "ވާޓިކަލް ފާމިން" ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ.
ހަނިމާދޫ އެގްރި ސެންޓަރުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް" އިފްތިތާހުކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ.
މިއީ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާ ގުޅޭ އެންމެ މުހިއްމު އެއް ވައުދެވެ.
ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރަމީލާ ވިދާޅުވީ، ދަނޑުވެރިކަމުގެ އާ އިޖާދީ ގޮތްތައް ރާއްޖެއަށް ތައާރަފުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ވާޓިކަލް ފާމިންގެ މި ޕައިލެޓް ޕްރޮޖެކްޓްގެ ބޭނުމަކީ، ރާއްޖެ ފަދަ ބިން ކުޑަ ގައުމަކަށް، ވަރަށް އެކަށީގެންވާ ނިޒާމެއް ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން މިހާރު ވަނީ ވާޓިކަލް ފާމިން ސެޓަޕްތައް އިންސްޓޯލްކޮށް، ސިސްޓަމްތަކުގައި ގަސްތައް ރުވާފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމްކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ދަނޑުވެރިންނަށް ތައާރަފްކޮށްފައިވާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި ޕައިން އެޕަލް ޓަވަރު ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވަރު ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް ކުރިއަށް ގެންދިއުމެވެ. މި ސިސްޓަމްތަކުގައި އެންމެ ފުރަމަ ޓެސްޓު ކުރަމުންދަނީ ފަތްތަރުކާރީގެ ބާވަތްތަކެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، މި ޕައިލެޓް މަޝްރޫއުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތް ކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ، އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތައާރަފުކޮށްދިނުމުގެ މަސައްކަތްވެސް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު