ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ސަރުކާރުން ގެންނަމުން އަންނަ އިސްލާހުތައް ފުނޑުފުނޑު ކޮށްލުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބަނގުރޫޓުވެފައިވާ ގައުމުތަކަށް ދޭ މާލީ އެހީގެ ޕެޖޭކެއްގައި ރާއްޖޭގެ ސަރުކާރުން ބައިވެރިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިނޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ އިގުތިސޯދެއް ބިނާކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނައިރު، ބޭންކިން ނިޒާމުގެ އާއްމު މަސްލަހަތާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ސަރުކާރުން ދަމަހައްޓާނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާ ބެހޭ ގޮތުން ފަހުގެ ރިޕޯޓްތަކުގައި ފާހަހަކޮށްފައިވާ ފަދައިން، އިގުތިސާދީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަރާނެ ކަމަށެވެ. އެހެންކަމުން އިގުތިސާދު ހަރުދަނާ ކުރުމަށާއި އިތުބާރު އުފެއްދުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތަށް ބުރޫއަރާ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރެއްވިއެވެ.
ރާއްޖޭގެ ދަރަނި މި ވަގުތު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު