އިންޑިގޯ ފްލައިޓެއްގެ ފާހަނާގައި ސިޓީއެއް ބޭއްވި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އިންޑިއާގެ ޗެންނާއީން މުމްބާއީއަށް ދަތުރުކުރި އިންޑިގޯގެ ފްލައިޓެއްގެ ފާހަނާގައި ވަނީ ޓީޝޫއެއްގައި މެސެޖެއް ލިޔެފައިކަމަށް އޮފިޝަލުން ބުނެއެވެ.

މުމްބާއީއަށް ފްލައިޓު ޖެއްސުމުގެ ކުޑައިރުކޮޅެއް ކުރިން ފްލައިޓުގެ ކެބިން ކުރޫންނަށް ވަނީ އެ މެސެޖު ހިމެނޭ ސިޓީ ފެނިފައެވެ. އޭގައި ވަނީ މުމްބާއީއަށް ގޮސްފިނަމަ އެންމެން މަރުވާނެ ކަމަށް ބުނެ އިންޒާރު ދީފައިކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެ ސިޓީ ފެނުމާއެކު ކެބިން ކުރޫން ވަނީ ފުލައިޓް އެލާޓަށް ގެނެސް ކެޕްޓަން މެދުވެރިކޮށް އެއާ ޓްރެފިކް ކޮންޓްރޯލަށް އަންގައި މުމްބާއީ އެއާޕޯޓު ކުއްލި ހާލަތަކަށް ގެނެސްފައެވެ.

ފްލައިޓު އެއާޕޯޓުގައި ޖެއްސުމާއެކު ވަނީ ހާއްސަ ސަރަހައްދަކަށް ފްލައިޓު ޕާކުކޮށް ފަސިންޖަރުންނާއި މުޅި ފްލައިޓު ހޯދައި ބަލައިފައެވެ.

މުމްބާއީގެ ފުލުހުން ވަނީ އަދި މިހާތަނަށް ފުލުހުން ހިންގި ތަހުގީގުން އެމައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ބުނެފައެވެ. ނަމަވެސް އެއާލައިނާ ގުޅިގެން ތަހުގީގު ކުރިޔަށް ދާކަމަށް ފުލުހުން ބުނެފައިވެއެވެ.