ޝަހީދުންގެ ދުވަހުގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ހިޔާނާތްތައް ކަމަށާއި ފެނިގެންދިޔައީ ވެރިކަމުގެ ބޭނުމުގައި ގައުމު އެއްލައިލި މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ޝަހީދުންގެ ދުވަހެއް ރާއްޖެ ދުށީ މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އުފެއްދި ގުޅުމެއްގެ ސަބަބުން ކަމަށާއި ތާރީހުން އެނގޭ ގޮތުން ހަސަން ރަސްގެފާނާއި ޕޯޗުގީޒުންނާ ދެމެދު އޮތް ގުޅުން ފެށިފައިވަނީ ކަޅު މުހައްމަދު ރަސްގެފާނާ ހަމައިން ކަމަށެވެ.

"އެހެންވީމާ ޝަހީދުންގެ ދުވަހަށް އަލިވިލޭ އިރު އޭގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ހިޔާނާތްތަކެއް. އަމިއްލަ އެދުމާއި ވެރިކަމުގެ ބޭނުމުގައި ގައުމު ހަލާކުގެ ތެރެއަށް އެއްލާލުން. ދިވެހީންގެ މުދަލާއި މިނިވަންކަމާއި ދީން ގުރުބާން ކޮށްލުން. ކުޑަވެސް ރަހުމެއް އަގަލެއް ކުލުނެއް މި ގައުމާ މެދު ނެތުން. ހެޔޮ އިހުލާސްތެރި ނިޔަތެއް މި ލޮބުވެތި ދިވެހި ފަސްގަނޑާ މެދު ނެތުން،" ރައީސް ވިދާޅުވިއެވެ.

ހަސަން ރަސްގެފާނާއި ޕޯޗުގީޒުންނާ ދެމެދު އުފެދުނު ގުޅުމުގެ ތެރެއިން އޭނާ އިސްލާމްދީން ދޫކޮށްލެއްވި. އިންޑިޔާގެ ކޮއްޗޭއަށް ވަޑައިގެން، އޭގެފަހުން ގޯވާއަށް ސީދާ ޕޯޗުގީޒުންގެ ދަރުބާރަށް ވަޑައިގަތް

ރައީސް ވިދާޅުވީ ރާއްޖޭން ލިބޭ މާވަހަރާއި ރޯނާއި ބޮއްޔަކީ އެ ޒަމާނަށް ވަރަށް އަގުހުރި ތަކެތި ކަމަށާއި އޭގެ އިތުރަށް ރާއްޖެ އޮންނަ ތަނަކީ ވަރަށް މުހިންމު އޮޅިއެއް ކަމަށެވެ. އަދި އެ ހުރިހާ ސަބަބުތަކަށްޓަކައި ހަސަން ރަސްގެފާނުގެ އެދިވަޑައިގަތުމަށް ޕޯޗުގީޒުން ރާއްޖެއަށް މިސްރާބު ޖެހި ކަމަށާއި އެ މީހުންނަށް ކާމިޔާބު ލިބި އަލިރަސްގެފާނު ޝަހީދުކޮށްލީ މީލާދުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޅި ހަނގުރާމަ އާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެއް ފަރާތުން ފެންނަނީ އަމިއްލަ އެދުމާއި ދިވެހީން ދިވެހި ގައުމަށް ހިޔާނާތްތެރިވުން ކަމަށެވެ. އަދި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް ކަމަށާއި އެމީހުންގެ ހީލަތްތެރި ރޭވުން ކަމަށެވެ. އަދި ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކުރި މަންޒަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.