ދިވެހީން އިސްލާމީ ހިދާޔަތަށް ގެންދިއުމުގެ އެންމެ ތަނަވަސް ދައުރެއް އަދާކުރެއްވީ ދަރުމަވަންތަ ރަސްގެފާނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ރަސްގެފާނުގެ އަސްލު ނަންފުޅަކީ ސީރި ތިރިބުވަނަ އާދިއްތަ މަހާރަދުންނެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމަށް ފަހު، ނަންފުޅު އައްސުލްތާން މުހައްމަދު އިބުނު އަބްދުﷲ އަށް ބަދަލުކުރެއްވިއެވެ. ދަރުމަވަންތަ ރަސްގެފާނަކީ، ރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްގެފާނެވެ.
ޝަހީދުންގެ ދުވަހު ރައީސް މިއަދު ދެއްވި ހާއްސަ ހިތޯބުގައި ވިދާޅުވީ، ޝަހީދުންގެ ދުވަސް ދިވެހީންނާ ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅަކާއެކުގައި ކަމަށާއި އެ ފިލާވަޅުތައް ދޭހަކޮށް އިބުރަތް ހާސިލުކުރުމަށްޓަކައި ތާރީހުގެ ފަތްފުށްތައް ބަލަން ޖެހޭ ކަމަށެވެ.
":ޝައްކެއް ނެތް. ދިވެހީން އިސްލާމީ ހިދާޔަތުގެ ހިޔަލަށް ގެންދެވުމުގައި، އެންމެ ތަނަވަސް ދައުރެއް އަދާކުރެއްވީ ދަރުމަވަންތަ ރަސްގެފާނު. މީލާދުން 1166 ވަނަ އަހަރު އެ ރަދުން ފުރައުއްތަވެ، އޭގެ ފަހުން ގާތްގަނޑަކަށް 300 އަހަރު ވީއިރުވެސް، ދިވެހިރާއްޖެ އޮތީ އަމާންކޮށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއިރުވެސް ހިލާލީ ދަރިކޮޅުގެ ތެރޭގައި ވެރިކަމުގެ ވާދަވެރިކަން އޮތް ހަމަށާއި އެކަމުގެ ސަބަބުން ދާހިލީ ހަމަނުޖެހުންތެސް ހިނގި ކަމަށެވެ. އެގޮތުން، ދަރިކޮޅުގެ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނު އުތުރު ކަރައިގެ ކަންނައްނޫރު އަލީރާޖާއާގެ އެހޯ ހޯއްދަވައިގެން،
ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ރަސްކަން އޭނާ ހޯއްދެވައި 30 އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަލީރާޖާގެ އެހީތެރިކަން ހޯއްދެވުމުގައި ކަޅު މުހައްމަދު ރަސްގެފާނު ގައުމަށް ހިޔާނާތްތެރިވެވަޑައިގަތީ ވަރަށް ބޮޑަށް. އޭގެ ތެރޭގައި، އޭރު ދިވެހީން ކުރަމުން ގެންދިޔަ ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވި. އަނެއް ފަހަރެއްގައި ރާއްޖޭގެ ރަސްކަން ހޯއްދަވަން އަލީރާޖާއާއެކު ހެއްދެވި މުއާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހާ މާވަހަރާއި ދިވެހިރާއްޖެއަށް ލިބޭހާ ރަނާއި ބޮއްޔާއި އުފައްދާހާ ރޯނުގެ ދެބައިކުޅަ އެއްބައި އަލީރާޖާއަށް ދޭގޮތަށް ނިންމެވި. އޭގެ އިތުރަށް، ރ. ކިނޮޅަހާއި، ނ. ކެނދިކުޅުދޫ އަލީރާޖާއަށް ދޫކޮށްލެއްވި" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، 9 ވަނަ ހަސަން ރަސްގެފާނާ ޕޯޗުގީޒުންނާ ގުޅި، ޕޯޗުގީޒުން ރާއްޖެ ހިފައި، އަލި ރަސްގެފާނު ޝަހީދުކޮށްލީ، މީލާދުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެއީ ހިޖުރީ ގޮތުން އެއީ، 1 ޝަޢުބާން 965 ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު