އަލިރަސްގެފާނުގެ ޖިހާދުގެ ފިލާވަޅުން ހާމަވެގެންދިޔަ އެއް ކަމަކީ ނަސްރު ލިބުން ގުޅިފައިވަނީ ބިމުގެ ސައިޒާއި އާބާދީއަށް ނޫންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މިއަދު ވިދާޅުވީ އަލީ ރަސްގެފާނުގެ ޖިހާދު މިއަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބުކުރާ ކަމަށާއި ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ގޮވާލާ ކަމަށެވެ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން ގޮވާލާ ކަމަށެވެ.
"އަލީ ރަސްގެފާނުގެ ޖިހާދު، މީޑިޔާއާ އެބަ މުހާތަބުކުރޭ. ހަބަރު ފަތުރާއިރު، ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. އަލީ ރަސްގެފާނުގެ ޖިހާދު، ދިވެހި ޒުވާނުންނާ އެބަ މުހާތަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލީ ރަސްގެފާނުގެ ޖިހާދު، މިއަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތް ﷲ ހައްގަށް ނަސްރު ދެއްވާނެ ކަމުގެ ފިލާވަޅު ކަމަށެވެ.
"އެއީ ބިމުގެ ކުޑަކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން. އަޅުގަނޑުމެންގެ ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާއިދޭނެ ކަމަށާއި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު