ގައުމަށް ތެދުވެރިވެ، ދީނަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތަށް ވަފާތެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ އަލީ ރަސްގެފާނުގެ ޖިހާދު މިއަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބުކުރާ ކަމަށާއި ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ގޮވާލާ ކަމަށެވެ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން ގޮވާލާ ކަމަށެވެ.
"އަލީ ރަސްގެފާނުގެ ޖިހާދު، މީޑިޔާއާ އެބަ މުހާތަބުކުރޭ. ހަބަރު ފަތުރާއިރު، ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. އަލީ ރަސްގެފާނުގެ ޖިހާދު، ދިވެހި ޒުވާނުންނާ އެބަ މުހާތަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލީ ރަސްގެފާނުގެ ޖިހާދުން މިއަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތް ﷲ ހައްގަށް ނަސްރު ދެއްވާނެ ކަމެވެ. އަދި އެއީ ބިމުގެ ކުޑަކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކާބަފައިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދު ފެންނަމުންދާ ކަމަށާއި އޭގެ އެއް މިސާލަކީ ފަލަސްތީނު ކަމަށެވެ.
"މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރިވާށޭ! ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު