އަމިއްލަ ރަށުގައި ތިބެގެން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ ޕްލެޓްފޯމެއް ގާއިމުކޮށްދެއްވުމަށްޓަކައި އިގުތިސާދީ އެކިއެކި ފުރުސަތުތައް ފުޅާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ޕޯސްޓުކުރި ވީޑިއޯގައެވެ. އެ ވީޑިއޯގައި ތ. އަތޮޅަކީ ވަޒީފާތައް ހަނި އަތޮޅަކަށް ވާއިރު، އެ އަތޮޅު ވޭމަންޑޫން އޭލެވެލް ކިޔެވުމުގެ ފުރުސަތު އޮތް ނަމަވެސް މަތީ ތައުލީމު ހާސިލުކުރުމަށްފަހު ވަޒީފާއެއް ހޯދަން ޖެހެނީ މާލެ ބަދަލުވާން ކަން ފާހަގަކޮށް، ގްރޭޑް 10 ނިންމައި މަތީ ތައުލީމު ހާސިލުކުރުމަށްފަހު ރަށުގައި ހުރެ ވަޒީފާގެ ފުރުސަތު ފަހިވާނެގޮތެއް އޮތްތޯ، ކިނބިދޫ ދައިވަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ވަކި ރަށެއްގައި ހުރީތީ އަމިއްލައަށް އާމްދަނީ ހޯދުމުގެ ދޮރު ބަންދުނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ތ.އަތޮޅުގައި އިގުތިސާދީ އަދި އާމްދަނީ ހޯދުމުގެ ފުރުސަތުތައް މަދުކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން އެ އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދެވުމަށް އެކި ގޮތްތަކުން މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަތޮޅުގައި އެންމެ ރިސޯޓެއް އޮތީވެސް އެހެންވީމަ ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މިތަނަށް ގެނެވިގެން، ޓޫރިޒަމް ފުޅާ ކުރެވިގެން، އިތުރު ރިސޯޓުތައް ގެނެވިގެން، ނޫނީ މަސްވެރިކަމުގެ އިތުރު ފުރުސަތުތައް ގެނެވިގެން، ނޫނިއްޔާމު ޒުވާން ކުދިންނަށް ވެއްޖެއްޔާ ބޭނުންވާނެ ކްރިއޭޓިވް އެކިކަހަލަ ފުރުސަތުތައް ހޯދައިދޭންވެސް ދެން އެއް ކަމަކީ ކޮންމެ ތާކު ހުރެގެންވެސް ކްރިއޭޓިން އިކޮނޮމީއެއް ގާއިމުކުރަން މަސައްކަތް ކުރަންވީ،"
ރައީސް ވިދާޅުވީ އޭރުން އެ ކުއްޖެއްގެ ޓެލެންޓް ބޭރުގެ މާކެޓުތަކަށްވެސް އޮންލައިން ވިޔަފާރީގެ ތެރެއިން ޕޭމެންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ކުރިއަށް ދެވިދާނެ ކަމަށެވެ.
"އެހެންކަމުން ހުންނަ ތަން މެޓާއެއްނުވާނެ އޭރަކުންނެއް، އެކަހަލަ ފުރުސަތުތައް ހޯދައިދޭންވެސް އެބަ މަސައްކަތްކުރަން،"
އޭގެ އިތުރުން އަމަލީ ގޮތުން ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރަން ބޭނުންވާ ޒުވާން ކުދިންނަށްވެސް އެ އަތޮޅު ތެރޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭން އިގުތިސާދު ފުޅާކޮށްދޭން ވިސްނައިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ ރިސޯޓުތައް ގެނައުމާއި އަދި އެކި ކަހަލަ ފުރުސަތުތައް ފުޅާކުރަން ވަރަށްބޮޑަށް ސަމާލުކަން ދޭނަން، މިދިޔަ ހުރިހާ ދުވަހަކު މި އަތޮޅަކު ނެތް އެ އޮޕޮޗިއުނިޓީތައް ލިބިފައެއް، އެހެންވީމަ ރައުނާއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އުއްމީދު ކުރާށޭ ނަތީޖާ އަޅުގަނޑު ނެރެދޭނަމޭ،"
ޚަބަރު
ޚަބަރު