ތ. ދިޔަމިގިލިން (ޢަލީ ޔާމީން، ވަން އޮންލައިން)
އެ މަނިކުފާނުގެ އުންމީދަކީ މި އަހަރުގެ ތެރޭގައި މި ރަށާއި މަޑިފުށި ގުޅާލުމުގެ ކޯޒްވޭގެ މަސައްކަތް ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން މިއަދު މެންދުރުފަހު މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުން ކަމަށެވެ.
ރައީސް ވިދާޅުވީ، މި ރަށުގެ ތަރައްގީއަށްވެސް ގިނަ ކަންކަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަންކަން ކުރެވޭނެ ތަރުތީބެއް ކަމާ ބެހޭ މިނިސްޓްރީތަކާއެކު މަޝްވަރާކޮށް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެ ތަރުތީބުން މި ރަށުގެ ތަރައްގީގެ ކަންކަންވެސް ފުރިހަމަކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއް ފަހަރާ މަޝްރޫއުތައް ނުފެށޭނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތީ އެއަށްވުރެ ގޯސްކޮށް ކަމަށެވެ. އަދި އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް ތަރައްގީގެ މަޝްރޫއުތައްވެސް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.
"އެންމެ ބޮޑެތި ކަންކަން ކޯޒްވޭއަކުން ގުޅައިލުން އެއީ އަޅުގަނޑުވެފައި އޮތް ވައުދެއް. އެއީ ހަގީގަތަކަށްވެގެންދާނެ ކަމެކޭ. އެކަން ފެށޭނީ ދަތި އުނދަގޫ ހާލަތު ރަނގަޅުވުމުން. އުންމީދަކީ މި އަހަރުގެ ތެރޭގައިވެސް ފެށުން، އަދި އަހަރުގެ މެދުތެރޭގައިވެސް އޭގެ މަރުހަލާތައް ފެށުން އަޅުގަނޑުގެ އާމަޒަކީ،" ރައީސް ވިދާޅުވިއެވެ.
މި ރަށާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު