ތ. ގުރައިދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތެރެޔަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ސީޕްލޭންގައި ރައީސް މިއަދު ހެނދުނު މިރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެ ތިއްބެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.

ރައީސަށް މަރުހަބާ ކިޔުމަށް ދަމާލާފައި އޮތް ސަފު ބަނދަރުން ފެށިގެން މި ރަށުގެ މެދުގައި ހުންނަ ޕީޕީއެމް ޖަހަގައާ ހަމައަށް އޮތެވެ. ރައީސް ވަނީ ރައްޔިތުންނާ ސަލާމްކުރެއްވުމަށްވެސް 30 މިނެޓަށް ވުރެ ގިނައިރު ހޭދަކުރައްވައިފައެވެ.

މި ރަށަކީ، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެއް ރަށަކުން އެންމެ ބޮޑު ތާއީދެއް ދިން ރަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ރަށުގެ އިތުރުން މި އަތޮޅު ދިޔަމިނގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ އަދި ކިނބިދޫއަށް ވަޑައިގަންނަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރީންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.