ކެންސަރަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދެއްވުމަށް ފަހު ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފިއެވެ.
ކެންސަރަށް ފަރުވާ ހޯއްދެއްވުމަށް މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.
ކެންސަރު ޖެހިވަޑައިގެންފައިވާކަން މިނިސްޓަރު އެންމެ ފުރަތަމަ އާންމުކުރެއްވީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެކަމަނާ ވިދާޅުވެފައި ވަނީ ކެންސަރު ބަލީގައި އުޅުއްވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ކީމޯ ނެންގެވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ފަރުވާއަށް ފަހު މިނިސްޓަރު ރަމީލާ އަލުން މަސައްކަތަށް ނުކުމެވަޑައިގެންފައިވާއިރު، އެކަމަނާ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ވަޑައިގެންނެވީ، ކީމޯ ތެރަޕީގެ ނުވަ ސެޝަން ނިންމެވުމަށް ފަހުގައި ކަމަށާއި ފަރުވާގެ ދެވަނަ މަރުހަލާ ދެތިން ހަފުތާ ފަހުން ފައްޓަވާނެ ކަމަށެވެ.
"އުންމީދަކީ މި ދުވަސްކޮޅު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ރަމީލާ މީގެ ކުރިން ވަނީ މނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު