ހަނިމާދޫ އެއާޕޯޓުގައި އަލަށް ހެދި 2،460 މީޓަރު ރަންވޭގެ ތެރެއިން ނިމުނު 1،200 މީޓަރު ހުޅުވައި، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ރަންވޭގެ 1،200 މީޓަރު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފެށުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އާ ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވާ ކަމަށެވެ.
އާރުއޭސީއެލްގެ މެނޭޖިން ޑީރެކްޓަރު މުހައްމަދު މުބީން އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު، ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުކުރެއްވީ އެ ފްލައިޓުގައި ކަމަށްވެސް އާރުއޭސީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ރަންވޭގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށެވެ. އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ނަމަ ރަންވޭގެ ބާކީ ބައިގެ މަސައްކަތް މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ އެމްޑީ ސަލީމު ވިދާޅުވި ގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމާއެކު މިހާރު ހުއްޓާލާފައިވާ އިންޑިއާގެ ދަތުރުތައް މާ ލަސްތަކެއް ނުވެ އަލުން ފެށިގެންދާނެ ކަމަށެވެ.
އާ ރަންވޭ ހުޅުވާފައިވަނީ ރޭގަނޑުވެސް ފްލައިޓްތައް ޖެއްސޭ ގޮތަށް ރަންވޭގައި ލައިޓް ހަރުކުރުމަށްފަހުއެވެ.
އާ ރަންވޭ ތަރައްގީ ކުރަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެ މަސައްކަތް ކުރިއަށްދާއިރު އެއާޕޯޓު އަދި ރަންވޭވެސް ބަންދުނުކޮށް ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަކަށް ރާވާފައިވާ ކަމަށް އާރުއޭސީއެލުން ބުނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު