މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދި 500 އަށްވެސް ނާރާ ކަމަށް، ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެސިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ވަނީ މި ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށް ގަބޫލުކުރައްވާތޯ އަބްދުއްރަހީމާ ސުވާލުކުރައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީ ދައުރު ހަމަވަންދެން އިށީނދެގެން ތިބުމަށް ނޫން ކަމަށާއި މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން [މަތިބަރު ކަމަށް]. އަޅުގަނޑުމެން އަދިވެސް އިތުރު މަގާމުތަކަށް މީހުން އައްޔަންކުރަމުންދާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކުރީ ސަރުކާރުގައި ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރު ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ، އެ އަދަދު 700 ގައި ހިފެހެއްޓުން ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދި 500 އަށް ނާރާ. މި ސަރުކާރުން މަގާމަކަށް މީހަކު އައްޔަންކޮށްފިއްޔާ އޭނާ، އޭނާގެ ޒިންމާ އަދާކުރާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ގިނަ ބޭފުޅުން އައްޔަންކުރާ ކަމަށްބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.