މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 390.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރަށް ލިބޭ އާމްދަނީ އާއި ބަޖެޓުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކީ މީގެ ކުރީން ކޮންމެ ހަފުތާއަކު ގަވާއިދުން ޝާއިއުކުރަމުން އައި ރިޕޯޓްތަކެކެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ހަފުތާގެ ރިޕޯޓް ފިނޭންސް މިނިސްޓްރީން އާންމު ނުކޮށް އޮތުމަށްފަހު، އިއްޔެ ވަނީ އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ރިޕޯޓް އާންމުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ރިޕޯޓަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 390.3 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 474.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ވަން ފައިސާގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި 275.5 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީއަށް ލިބުނީ 114.8 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި 524 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ހަރަދަށްވުރެ 144.7 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ހަރަދު ކުރި ފައިސާގެ ތެރެއިން މުސާރަ އާއި ހިންގުމުގެ ހަރަދަށް 392.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޮފީސްތަކަށް ބޭނުންވާ ސާމާނާއި ހިދުމަތްތައް ހޯދުމަށް 131.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މި އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، ދަރަނި އަދާކުރަން ބަޖެޓުކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ވަނީ 312.3 މިލިއަން ރުފިޔާގެ ދަރަނި ދައްކައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު