"ފުޑް އެންޑް ބެވްރޭޖް ޝޯ 2024" ފަށައިފިއެވެ.

މިއީ ހައިރައިޒުން އެ އިވެންޓު ބާއްވާ ހަތްވަނަ ފަހަރެވެ. މިއަދު އެ އިވެންޓު ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

މިއަހަރު އެ އިވެންޓު ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މަރިޔަމް މާއިޝާ "ވަން" އަށް މިއަދު ވިދާޅުވީ މި އިވެންޓަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ބާއްވާ އިވެންޓެއް ކަމަށެވެ. އަދި ގިނަ ޕްރޮޑަކްޓުތަކެއް އެގްޒިބިޓް ކޮށްފައިވާ އިރު، ގަތުމުގެ ކުރިން ޕްރޮޑަކްޓުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ އެފްއެންބީ ޝޯގައި 48 އެގްޒިބިޓަރުން ބައިވެރިވާ އިރު، ގިނަ ސްޓޯލުތަކުން ލަކީ ޑްރޯތައްވެސް ދަނީ ބާއްވަމުންނެވެ. އަދި ޕްރޮޑަކްޓުތައް ވިއްކަމުން ދަނީ ހާއްސަ އަގުތަކެއްގައި ކަމަށް މާއިޝާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ އިވެންޓު ކުރިއަށްގެންދާ އިރު، ކޮންމެ ދުވަހަކުވެސް އިވެންޓު ފަށާނީ މެންދުރު ފަހު 3:00 ގައެވެ. ފުރަތަމަ ދަންފަޅި ހަވީރު 6:00 އަށް ނިންމާލާ އިރު، ދެވަނަ ދަންފަޅި ކުރިއަށްގެންދާނީ ރޭގަނޑު 8:00 އިން 11:00 އަށެވެ.