ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައި، އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށަން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.
"ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް، ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނެއްވުމަށް ސޯޝަލް ކައުންސިލުގަ ވަނީ ނިންމާފަ،" ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އަންނަ ދިރާސީ އާ އަހަރު ފަށާއިރު، ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
"ދިރާސީ އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ފަށައި، ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައި،" ނާޒިމް ވިދާޅުވިއެވެ.
އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން އަންނަ ދިރާސީ އާ އަހަރު ފަށާނީ މެއި މަހުގެ 26 ވަަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު