އެއްވެސް ފަރާތެއް ތަފާތު ނުކުރައްވައި، އޭނާ ވަނީ މާލޭގައި ދިރިއުޅޭ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ރޭ އިންތިހާބުވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި އާޒިމް މޭޔަރުކަމުގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިރު، އޭނާއަށް އިތުބާރުކުރައްވައި ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވައި އެކްސްގައި އާޒިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެހި ތަނަވަސް މާލެއެއް ހޯދައިދިނުމުގެ މަސައްކަތް ފެށުނީ ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.
"އެއްވެސް ފަރާތެއް ތަފާތުނުކޮށް، އަޅުގަނޑުވާނީ އެންމެންގެ މޭޔަރަކަށް. މާލޭގެ ރަށްވެހީން، މާލޭގައި ދިރިއުޅޭ ރައްޔިތުން އަދި މާލެ ޒިޔާރަތްކުރާ ފަތާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައިދިނުމުގެ މަސައްކަތް މި ފެށުނީ،" އާޒިމް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ގާތްގަނޑަކަށް 17،410 މީހުން ވޯޓުލި އިރު، އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު އާޒިމް ހޯއްދެވިއެވެ. އެއީ 7621 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 5031 ވޯޓެވެ.
މޭޔަރުކަމުގެ އިންތިހާބުގައި ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު