މާލޭގެ މޭޔަރުކަމުގެ އިންތިހާބާއެކު އެމްޑީޕީން ދައްކައިދިނީ ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވާ މަންޒަރު ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި އެއްވުމުގައި ޝާހިދު ވިދާޅުވީ، މިއަދުގެ ވޯޓުގެ މެސެޖަކީ ރައީސް ސޯލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތައް ރާއްޖެެއަށް ހެޔޮ ގޮތް ހޯދައިދީފިކަން ކަމަށެވެ.

"ވެއްޓޭ ވަރަށް ވުރެ ބާރަށް ނުކުމެ ބާރަށް ދުއްވައިގަންނާށޭ. އެެއީ އެ ދެއްކެވި ހިތްވަރަކީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، 58 ދުވަސް ތެރޭގައި ރައީސް މުއިއްޒަށް މި ދައްކުވައިދިނީ އެ މަނިކުފާނުގެ ސިޔާސަތުތައް ކަމުނުދާކަން ކަމަށެވެ. ޝާހިދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ނޫން ކަމަށް މާލޭގެ ރައްޔިތުން ބުނެފި ކަމަށެވެ.

މިއަދުގެ އިންތިހާބުގައި ގާތްގަނޑަކަށް 17،442 މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ.