ލ. ދަނބިދޫ ބެލެނިވެރިން އިހުތިޖާޖު ކުރަމުން ދާތީ އެރަށު ސްކޫލު މިއަދުވެސް ބަންދުކޮށްފިއެވެ.

ދަނބިދޫ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ފަޒީލް "ވަން" އަށް މިއަދު ވިދާޅުވީ ބައެއް ދަރިވަރުން ސްކޫލަށް ދިއުމުން ފުލުހުންގެ އެހީގައި ސްކޫލަށް ވައްދާފައިވާ ކަމަށެވެ. ސްކޫލަށް ދިޔައީ 34 ދަރިވަރުން ކަމަށާއި، ބައެއް ގްރޭޑުތަކަށް ހަމަވީ އެންމެ ދަރިވަރެއް ކަމަށެވެ.

އިއްޔެއިން ފެށިގެން ދަނބިދޫ ބެލެނިވެރިން އިހުތިޖާޖު ކުރަމުން ދަނީ އެ ސްކޫލަށް ޓީޗަރުން ހަމަ ނުވަނީސް ކިޔަވައިދޭން ފެށުމުންނެވެ. ފަޒީލް އިއްޔެ "ވަން" އަށް ވިދާޅުވީ ސްކޫލަށް ޓީޗަރުން ހަމަނުވާތާ ފަސް އަހަރު ވެފައިވާ ކަމަށާއި މިދިޔަ އަހަރު އެއްކޮށްވެސް ކިޔައިވައިދިނީ ހިސާބު ޓީޗަރަކު ނެތި ކަމަށެވެ.

ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުން އެކޮނިމިކްސް ޓީޗަރަކު އެއް ހަފުތާއަށް ދަނބިދޫ ސްކޫލަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަނބިދޫ ސްކޫލު އިމާރާތް ބާވެ، ގިނަ މަރާމާތުތަކަށް ބޭނުންވެފައި ވުމަކީވެސް ބެލެނިވެރިން އިހުތިޖާޖު ކުރަމުންދާ ސަބަބެކެވެ. އެގޮތުން ސްކޫލުގެ ކްލާސްތަކުގެ ސީލިން ހުރީ ބޯމައްޗަށް ވެއްޓޭ ހާލަތުގައި ކަމަށް ފަޒީލް ވިދާޅުވިއެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަނުން ސްކޫލަށް އަންގާފައިވާ ކަމަށްވެެސް އޭނާ ވިދާޅުވިއެވެ.

އިހުތިޖާޖު ކުރަމުންދާ ބެލެނިވެރިން ދަނީ ޕްރިންސިޕަލް އިސްތިއުފާ ދެއްވުމަށްވެސް ގޮވައިލަމުންނެވެ.