މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަފީގު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ޝަފީގު އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކޮށްފައެވެ. ޝަފީގު އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.

ޝަފީގަކީ މީގެ ކުރިން ވެސް ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ ނިމިދިޔަ ސަރުކާރުގައި، އާދަމް މުހައްމަދު އެ މަގާމަށް އައްޔަންކުރައްވަން ވެގެންނެވެ.

ޕޯސްޓު އޮފީހުގެ ބޯޑު މެމްބަރުންގެ ގޮތުގައި ޝަފީގުގެ އިތުރުން މިހާރު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ޕޯސްޓުގެ ޗެއާމަން މުހައްމަދު އަބްދުﷲ، ނަން އެގްޒެކެޓިވް ދެ މެމްބަރުން ކަމަށްވާ މުހައްމަދު ނާޝިދާއި މަހުމަދޫ ރަމީޒް އަބްދުލް ރަހުމާނެވެ.