ލ. ދަނބިދޫ ސްކޫލަށް ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭން ފެށުމުން ބެލެނިވެރިން އިހުތިޖާޖުކޮށް، ސްކޫލު ބަންދުކޮށްފިއެވެ.

ދަނބިދޫ ކައުންސިލުން ނައިބު ރައީސް ހުސެއިން ފަޒީލް "ވަން" އަށް ވިދާޅުވީ ބެލެނިވެރިން މިހާރުވެސް އިހުތިޖާޖު ކުރަމުންދާ ކަމަށާއި އިހުތިޖާޖު ކުރަމުން ދަނީ އެ ސްކޫލުގެ ޓީޗަރުން ހަމަނުވުމާއި ސްކޫލު އިމާރާތް ބާވެ، ގިނަ މަރާމާތުތަކަކަށް ބޭނުންވެފައިވާތީ ކަމަށެވެ.

"ސްކޫލަށް ޓީޗަރުން ހަމަނުވާތާ 5 އަހަރު ވެއްޖެ. މިދިޔަ އަހަރު އެއްކޮށްވެސް ކިޔަވައިދިނީ ހިސާބު ޓީޒަރަކު ނެތި. މިހާރުވެސް ދެ ޓީޗަރުން މަދު،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގެ އިކޮނޮމިކްސް ޓީޗަރު އެރަށަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ޓީޗަރު އަންނަނީ ހަފުތާއަކަށް ކަމަށެވެ.

ފަޒީލް ވިދާޅުވީ އެރަށު ސްކޫލުގެ ސީލިންގް ހުރީ ބޯމައްޗަށް ވެއްޓޭ ހާލަތުގައި ކަމަށާއި އެކަން ހައްލުކުރުމަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަނުން ސްކޫލަށް އަންގާފައިވާ ކަމަށެވެ.

އިހުތިޖާޖާ ގުޅިގެން މިއަދު އެރަށު ސްކޫލުގައި ކިޔަވައިދިނުން ކުރިއަށް ނުގެންދާ އިރު، މާދަމާވެސް އިހުތިޖާޖު ކުރުމަށް ބެލެނިވެރިން ރާވާފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ. ބެލެނިވެރިން ގޮވައިލަމުން ދަނީ ޕްރިންސިޕަލް އިސްތިއުފާ ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.