ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް އެޕްލައި ކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހުސްވި ޑިސެމްބަރު މަހުގެ 23 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް ވިލާ ކޮލެޖުން މި މަހުގެ އެއްވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ މުއްދަތު ބަދަލުކޮށް، އަންނަ ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
ޖެނުއަރީ އިންޓޭކުގެ 190 ކޯހެއްގައި ބައިވެރިވުމަށް އެ ކޮލެޖުން ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އަދި ޓޫރިޒަމް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ. މާސްޓާސް ފެންވަރުގެ 21 ކޯހެއްވެސް ހިމެނޭއިރު، ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓިފިކެޓް ފެންވަރުގެ 26 ކޯހަކާއި ޑިގްރީ ފެންވަރުގެ 45 ކޯހެއް ހިމެނެއެވެ.
ޖެނުއަރީ އިންޓޭކަށް ހުޅުވާލި ކޯސްތަކުގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައްވެސް ހިމެނެއެވެ.
އެ ކޯސްތަކަކީ ކޮންމެ ކޯހެއްގެވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރު ކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަށް އިންސްޓޯލްމެންޓް އުސޫލުން މަސްތަކަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެއެވެ. އެ ކޮލެޖުގެ ބެޗްލާސް ޑިގްރީގެ ޕްރޮގްރާމްތައް ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ކިޔެވޭ ސްކީމްގެ ދަށުންވެސް ކިޔެވޭނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި