މީޑިއާ ވިލެޖު ހަދާނީ ހުޅުމާލޭގައި ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުން ވަނީ މީޑިއާ ވިލެޖު ހަދަން ނިންމައި، ކަމާގުޅޭ އިދާރާތަކުން އެ މަސައްކަތް ފަށައިފައެވެ. އެގޮތުން މީޑިއާ ވިލެޖު ހެދުމަށް މާލެ ސަރަހައްދުން ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ދުވަހު ރައީސް އޮފީހުން ހާމަކުރެއެވެ.
ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ މީޑިއާ ވިލެޖު ހެދުމަށް ހުޅުމާލޭން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީއާވެސް ގުޅިގެން ކަމަށް ވިދާޅުވިއެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ބިން ކަނޑައެޅުމަށް ފަހު، އެ ބިން ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި، މީޑިއާތަކަށް ވިޔަފާރި އުސޫލުން ފައިސާ ހޯދިދާނެ ގޮތްތަކެއް ބައްލަވައި އެކަމާގުޅޭ ގޮތުން ކަރުދާހެއް ކެބިނެޓަށް އަނެއްކާވެސް ހުށަހަޅުއްވާނެ ކަމަށެވެ. އެކަމުގެ ސަބަބުން މީޑިއާތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީޑިއާ ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަހައްދުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާއެކު ބައްދަލުކުރެއްވުމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު