މި އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށަން ނިންމާފައިވަނީ މިރޭގެ ފަތިސް ނަމާދުން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާ މުހައްމަދު އަހުސަން ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބޮޑު ޖަމާއަތުގައި މިރޭ ފަތިސް ނަމާދު ކުރަން ނިންމާފައިވާ ކަމަށާއި ބޮޑު ޖަމާއަތުގައި ނަމާދުކުރާނެ މިސްކިތްތަކަކީ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނު އަލްއައުޒަމް، ކިންގް ސަލްމާން މިސްކިތް، ހުޅުމާލޭގެ މަސްޖިދުލް އަލްސާނީ މިސްކިތް އަދި ވިލިމާލޭގެ މަސްޖިދުލް ބިއްރުގައި ކަމަށްވެސް އަހުސަން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، ސުނާމީ ކާރިސާގައި މަރުވި މީހުންނާއި ގެއްލުންވި މީހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށްޓަކައި، ސުނާމީގެ ރާޅު އެންމެ ފުރަތަމަ އެރިކަމަށް ރެކޯޑު ކުރެވުނު ގަޑި ހެނދުނު 09:23 ގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ކަނޑައަޅާފައިވާ ސޭފު ޒޯން ސަރަހައްދަށް އެއްވެ ސުކޫތެއް ބޭއްވުން އޮންނާނެ ކަމަށެވެ.
މާލެ ސަރަޙައްދުގެ އޮފީސްތަކުން އެ އޮފީހެއްގެ އިމާރާތެއްގެ ބޭރަށް ނުކުމެ ސުކޫތުގައި ބައިވެރިވެވޭނެ ކަމަށާއި ސުކޫތު ބޭއްވުމުގެ ކުރިން އެމްއެންޑީއެފުން، މާލޭގައި ސައިރަން އަޅާނެ ކަމަށްވެސް އާތިކާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު