ޑްރަގު ކޯޓުން މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމްކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ހޯމް ލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާއަށް ހުކުމް ކޮށްފައިވާ 700 މީހުންގެ ބެކްލޮގެއް އެބައޮތް ކަމަށެވެ.

"ކުރެވިފައިވާ ރިހެބިލިޓޭޝަން އަމުރުތަކާ އެއްގޮތަށް ކްލައިންޓުންނަށް ދޭންޖެހޭ ފަރުވާތައް ދިނުމަށްޓަކައި މުޅި އެންޑީއޭގެ ޓެކްނިކަލް އަދި އިދާރީ ޓީމު އެކުލެވިގެން ޖޮއިންޓް މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކްލައިންޓުންނަށް ގުޅުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެކަމަށްޓަކައި މުވައްޒަފުންތަކެއް ވަކިން ނެގިގެން، އެ މަސައްކަތް ކުރިއަށް އެބަދޭ،" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، އުންމީދަކީ ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ 700 މީހުންގެ ފަރުވާ ފުރިހަމަކުރެވުން ކަމަށެވެ.

އިމާދު އިތުރަށް ވިދާޅުވީ، އެންޑީއޭގެ މަސައްކަތްތައް ފުޅާކުރުމަށް އަންނަ އަހަރުގެ ތެރޭގައި، މިހާރު ހިދުމަތް މެދުކަނޑިފައި ހުރި ހދ. ހަނިމާދޫގެ އެންޑީއޭގެ ސެންޓަރުގެ މަސައްކަތް އަލުން ފަށައި، ނ. ވެލިދޫގައިވެސް ފަރުވާގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ލ. އަތޮޅުގައިވެސް އެންޑީއޭގެ ފަރުވާގެ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.