ގައުމީ ސަލާމް ކިޔުމާއި ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވެ މޭމަތީގައި އަތް އެޅުމަކީ ހަރާމް ކަމެއްގެ ގޮތުގައި ކަނޑައެއް ނޭޅޭނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އެ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށްހުރުމާއި ޝަރުއީ އަޅުކަމެއް އަދާކުރުމުގައި ހަށަމަށް ދެ އަތް ބަނދެގެން ހުންނަ ގޮތަށް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑީ ބޭއްވުމަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޝަރުއީ މަސްދަރުތަކުގެ އަލީގައި ކުރި ދިރާސާތަކުންނާއި އިސްލާމީ ފަތުވާދޭ ބައިނަލްއަގުވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމުން އެނގޭ ކަމަށެވެ.

އަދި އެއީ އާދަކާދައާ ގުޅުންހުރި ކަމެއް ކަމަށާއި އާދަކާދައިގެ އަސްލަކީ ހުއްދަވުން ކަމަށްވެސް ފަތުވާގައި ބުނެފައިވެއެވެ.

"އެހެންކަމުން މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާ ކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގައެވެ." ފަތުވާގައި ބުނެފައިވެއެވެ.

ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ގައުމީ ސަލާމް ކިޔަންޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ.

ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ގައުމީ ސަލާމަކީ ﷲ ތައާލާ ބާއްވާލައްވާފައިވާ އަދި ކީރިތި ނަބިއްޔާ ގެނެސް ދެއްޗާފައިވާ ހުރުމަތްތެރި މާތް އެއްޗެއް ނޫނެވެ. އަދި އެއީ އިންސާނުން އަމިއްލައަށް ހަދާފައިވާ އެއްޗެއް ކަމުން އެފަދަ އެއްޗެއް ގުރުއާން ކިޔަވާ ފަދައިން ކިޔުން ލާޒިމު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެއެވެ.