ރަތް ކަނޑުން ދަތުރުކުރާ ބޯޓުފަހަރަށް ޔަމަނުގެ ހޫތީން ހަމަލާދޭތީ އެ ކަނޑު ބަލަހައްޓަން އެމެރިކާ އިސްނަގައިގެން 10 ގައުމެއްގެ އަސްކަރިއްޔާއިން ކޯލިޝަން ހަދައިފިއެވެ.

ރަތް ކަނޑުން އިޒްރޭލަށް ދަތުރުކުރާ އުޅަނދުތަކަށް ހޫތީން ހަމަލާ ދޭން ފެށީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން އިޒްރޭލަށް ދަތިކުރުމުގެ ގޮތުންނެވެ. މި މަހުގެ ކުރީކޮޅުގައި ބޯޓުތަކަށް ހަމަލާ ދޭން ފެށި ފަހުން ގިނަ ބޯޓުތަކެއް ހިފާފައިވާއިރު، އެ ކަނޑުން ދަތުރުކުރާ ހުރިހާ ބޯޓަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ހޫތީން ވަނީ އެވެ.

އެކަމާ ގުޅިގެން ރަތް ކަނޑު ބަލަހައްޓަން 10 ގައުމެއްގެ އަސްކަރިއްޔާގެ ކޯލިޝަން އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާކަން ހާމަކުރީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ "މަލްޓިނޭޝަނަލް ސެކިއުރިޓީ އިނިޝިއޭޓިވް"ގެ ނަމުގައި އެ އޮޕަރޭޝަން ހިންގާނީ އެމެރިކާ އާއި ކެނެޑާއާއި ބަހްރެއިންއާއި ފްރާންސް އަދި އިޓަލީވެސް ހިމެނޭހެން ކަމަށެވެ. އިނގިރޭސި ވިލާތާއި ފްރާންސް އަދި ސީޝެލްސްވެސް އެ ކޯލިޝަންގައި ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްޓިން ވިދާޅުވީ ދަތުރުފަތުރުކުރުމުގެ މިނިވަންކަން ދަމަހައްޓަން ބޭނުންވާ ހުރިހާ ގައުމަކުންވެސް އެކަމުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެމެރިކާއިން އެ އޮޕަރޭޝަން އިއުލާންކޮށްފައި ވަނީ އެ ގައުމާއި އިނގިރޭސި ވިލާތުން ގުޅިގެން ހަފުތާ ބަންދުގެ ތެރޭގައި އެ ކަނޑުގައި ހަރަކާތްތެރިވި 15 ޑްރޯން ވައްޓާލާފައިވާ ކަމަށް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހޫތީން ހިފެހެއްޓި އެއްވެސް ބޯޓަކުން އެއްވެސް މިހާކަށް އަނިޔާވެގެން މިހާތަނަށް ރިޕޮޓުކޮށްފައެއް ނުވެއެވެ. ދުނިޔޭގެ ޓްރޭޑް 12 ޕަސަންޓު ދަތުރުފަތުރުތައް ކުރަނީ ރަތް ކަނޑުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަތް ކަނޑުން ސުއެޒް ކެނަލް މެދުވެރިކޮށް މެޑިޓެރޭނިއަން ކަނޑަށް ވަދެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.