އެމެރިކާގައި ޓެސްލާގެ ދެމިލިއަނަށްވުރެ ގިނަ ކާރު މައްސަލަ ޖެހިއްޖެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގައި ދުއްވާ ޓެސްލާގެ ދެ މިލިއަނަށްވުރެ ގިނަ ކާރުގައި ހުންނަ އޮޓޯ ޕައިލެޓް ސިސްޓަމްގެ ބައެއް މަސައްކަތް ނުކުރާކަމަށް ބުނެފައެވެ.

ޓެސްލާއިން 2015 ވަނަ އަހަރު ތައާރަފުކުރި އޮޓޯ ޕައިލެޓް ފީޗާއަކީ އެމެރިކާގައި ޓެސްލާއިން ވިއްކި ހުރިހާ ކާރެއްގައިވެސް ހިމަނާފައިވާ ފީޗާއެކެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު، ޓެސްލާގެ ވެރިޔާ އެލަން މަސްކު ވަނީ ސޮފްޓްވެއާ އަޕްޑޭޓެއް ނެރެ، މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޓެސްލާގެ އޮޓޯ ޕައިލެޓް ފީޗާގައި ކާރު ދުއްވުމަށާއި ކާރު ހުއްޓުވުމަށް ބޭނުންކުރާ ބްރޭކް އަމިއްލައަށް އޮޕަރޭޓް ކުރެއެވެ. ނަމަވެސް ކާރު ދުއްވުމުގައި ޑްރައިވަރުގެ އެހީ ކޮންމެވެސް ވަރަކަށް ބޭނުންކުރަން ޖެހެއެވެ.