މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި ހިއްކަން ނިންމާފައިވާ ފުށިިދިއްގަރުފަަޅު ކ. ގުޅީގެ އިހުތިސާސުން ވަކިކޮށްފި އެވެ.

ފުށިދިއްގަރުފަޅު ގުޅީގެ އިހުތިސާސުން ވަކިކުރީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސަށް ދީފައި އޮންނަ އިހުތިޔާރުގެ ދަށުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވިި ގޮތުގައި، ގުޅީގެ އިހުތިސާސަށް ބަދަލު ގެންނެވީ 2020 ވަނަ އަހަރު (އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު) ނެރުއްވި ގަރާރުން ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅުއްވާފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އެވެ.

ގަރާރުގައިވާ ގޮތުގައި ގުޅީގެ އިހުތިސާސްގައި މިހާރު ހިމެނެނީ އެރަށުގެ ފަޅާއި ކައިރީގައި އޮތް ދެ ފަޅެއްގެ ބައެކެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށެއްގެ އިހުތިސާސަކީ ރަށެއްގެ ރާޅު ފެންފަށުން ފެށިގެން 700، މީޓަރާ ހަމައަށް އޮންނަ ސަރަހައްދުގެ ތެރެެއިން މީހުން އުޅޭ އެހެން ރަށެއްގެ ބަޔަކަށް ނުވާ އަދި ސިނާއީ މަސައްކަތެއް ކުރާ ރަށެއްގެ ބަޔަކަށް ނުވާ ސަރަހައްދެވެ.