ފަލަސްތީނާއި ހާލުގައިޖެހިފައިވާ އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް އެހީ ބޭނުންވާ ކޮންމެ ފަހަރަކުވެސް ދިވެހީންނަކީ ނަމޫނާ ދައްކާ ބައެކެވެ. އަމިއްލަ ވޮލެޓުން ފައިސާގެ އެހީތައް ދެނީ އަމިއްލަ އާއިލާގެ ބަޔަކަށް އެހީދޭން ބުނުމުން ދޭފަދަ އިހުސާސްތަކަކާއެކުގައެވެ. އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން މި ފަހަރުވެސް އެކި ޖަމިއްޔާތަކުން ފަންޑުތައް ހުޅުވާލިއެވެ. މިފަހަރުވެސް ދިވެހީން އިޖާބަ ދިނީ ލަހެއް ފަހެއް ނެތިއެވެ.

ދިވެހިންގެ އެހީ އެކި ގައުމުތަކަށް އެންމެ ގިނައިން ފޯރުކޮށްދޭ އެއް ބަޔަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އެވެ. ފަލަސްތީނުގެ ރައްޔިތުންނާއި އެކިއެކި ކަންކަމުގެ ސަބަބުން އެހީއަށް ބޭނުންވެފައިވާ ގިނަ ގައުމުތަކަކަށް އައިއޭސީން ދިންވެހިންގެ އެހީ މީގެ ކުރިންވެސް ފޯރުކޮށްދީފައި ވެއެވެ. އައިއޭސީ އުފެދިގެން އައީވެސް އެކަމަށެވެ.

އެގޮތުން، ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ހިއުމެނިޓޭރިއަން ޖަމިއްޔާ ކަމަށްވާ "އެހީ" ޖަމިއްޔާގެ ތެރެއިން، އައިއޭސީ އުފެދުނީ 2017 ވަނަ އަހަރު ސީރިއާއަށް އެހީވުމަށެވެ. އައިއޭސީގެ މީޑިއާ އެންޑް ޕީއާރް ޑިރެކްޓަރު، އަޒުހަދު އަހުމަދު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖަމިއްޔާ އުފެދިގެން އައީ ހާލުގައި ޖެހިފައި ތިބި ސީރިއާގެ ރައްޔިތުންނަށް ދިވެހިންގެ އެހީ ފޯރުކޮށްދިނުމަށް "ހެލްޕް ސީރިއާ"ގެ ނަމުގައި ހިންގި ކެމްޕޭނަކުން ކަމަށެވެ.

އައިއޭސީއަށް ދިވެހިންގެ ތަރުހީބު އޮވެއެވެ. އައިއޭސީން ހުލުވާލާ ކޮންމެ ފަންޑަކަށް އިޖާބަ ދޭ އަވަސްކަމާއި ފުރިހަމަކަމުންވެސް އެކަން ދޭހަވެއެވެ. ނަމަވެސް އައިއޭސީއާމެދު ދިވެހީންގެ ވިސްނުން ބަދަލުވެގެން ދިޔައީ ދިވެހިންދޭ އެހީގެ ޕަސަންޓެއް ޖަމިއްޔާ ހިންގުމަށް ނަގަންފެށި ފަހުންނެވެ.

އެގޮތުން، ރައްޔިތުން ދޭ އެހީގެ ކޮންމެ ފައިސާއަކުން 12.5 ޕަސަންޓު އައިއޭސީގެ ހިންގުމަށް ނަގަން ފެށީ 2020 ވަނަ އަހަރަށް ފަހު ކަމަށާއި އޭރު މުސާރަ ދޭ ދެ މުވައްޒަފުން ތިބޭއިރު ކޮންމެ މީހަކަށް ލިބޭނީ 6،000 ރުފިޔާ ކަމަށް އަޒްހަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައިއޭސީ ފެށުނީއްސުރެވެސް ހިންގަމުން އަންނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދުވަސްވީ އެންޖީއޯތަކާއެކުގައި ކަމަށާއި ދާއިރާގެ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އައިއޭސީ ސަސްޓެއިން ކުރަން ކުރަނީ ކޮން މަސައްކަތެއްތޯ އެ ޖަމިއްޔާތަކުން އަބަދުވެސް އަހާ ކަމަށެވެ.

އަޒްހަދު ވިދާޅުވީ ޖަމިއްޔާގެ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ދިޔުމާއެކު މުވައްޒަފުންނަށް މުސާރައެއް ނުދީ، ޖަމިއްޔާ ހިންގަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އޭރު އެންމެންވެސް މަސައްކަތް ކުރީ ވަޒީފާ ނިންމާފައި ލިބޭ ވަގުތުގައި ރެޔާއި ދުވާލު ނުނިދައި، އަނބިދަރީންނާ ދުރުގައި ކަމަށް ވުމާއެކު، މާ ބޮޑަށް ބުރަވެގެން އައިއޭސީއަށް ވަގުތު ނުދެވޭ ހާލަތެއް ދިމާވެއްޖެ ނަމަ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓޭ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އެކްސްކޮމް މީހުންގެ މުސާރައަކީ 15،000 ރުފިޔާ. އެއީ އަދިވެސް ވަޒީފާގައި އުޅެމުން. އަޅުގަނޑުމެންގެ ނުތިބޭ މާ ބައިވަރު ސްޓާފުންނެއް. އަޅުގަނޑުމެންގެ މި ހުންނަނީ ސަދަގާ ޖާރިއާގެ ކަންތައްތައް ބަލަހައްޓަން ހުންނަ ސްޓާފެއް. އެއީ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމެންޓުގެ ދަށުން ނަގާފަ ހުންނަ ސްޓާފެއް. ދެން އަޅުގަނޑުމެންގެ އެބަ އިނދޭ ސްކޫލެއް. އަލޯކާ ސްކޫލު ކިޔާނީ، އެތަން އަޅުގަނޑުމެން ސީރިއާގައި ހިންގާތާ މިހާރު ހަތަރު އަހަރު ވެގެން މި ދިޔައީ. 340 އަށްވުރެ ގިނަ ކުދިން ސްކޫލުގައި ކިޔަވަން އުޅޭ. ކޮންމެ ކުއްޖަކީވެސް ދިވެހި ރައްޔިތެއްގެ ސްޕޮންސާގައި ކިޔަވާ ކުދިން. ދެން އަލޯކާގެ ކަންތައްތައް ބަލަހައްޓަން ދިވެހި ރާއްޖޭގަ ސްޓާފެއް ހުރޭ. އެ ދެ ސްޓާފުން އަޅުގަނޑުމެންގެ ސްޓާފުންގެ ގޮތުގަ މި ތިބީ. ދެން އެޗްއާރް ކަންތައްތައް ބަލަހައްޓަން ޕާޓްޓައިމް ސްޓާފެއް ހުންނާނެ." މުވައްޒަފުންނާއި މުސާރައިގެ ތަފްސީލު "ވަން"އާ ހިއްސާކުރައްވަމުން އަޒްހަދު ވިދާޅުވިއެވެ.

އަޒްހަދު ވިދާޅުވީ އެ 12.5 ޕަސަންޓުގެ ތެރެއިން މުވައްޒަފުންގެ މުސާރައަށާއި އޮފީސް ހިންގުމަށް ހޭދަވާނީ ގާތްގަނޑަށް އެންމެ ޕަސަންޓެއް ކަމަށެވެ. އަދި ބާކީ ބައި ހޭދަވާނީ ހިންގާ ޕްރޮޖެކްޓުތަކަށް ވަގުތުން ފޮނުވަން ޖެހޭ ފައިސަ ފޮނުވަށާއި އެ ޖަމިއްޔާއިން ހިންގާ ސްކޫލާއި ކޮމިއުނިޓީ ސެންޓަރު ފަދަ ތަންތަނުގެ މެއިންޓެނެސް ކަންތައްތަކަށް ކަމަށެވެ.

"އެ 12.5 ޕަސަންޓު އެބަ ހަރަދު ކުރެވޭ މެއިންޓެނެސަށް. އަޅުގަނޑުމެން އެ 12.5 ޕަސަންޓު ނަގާއިރު އެބައިނދޭ ބަޔާންކޮށްފަ ޕްރޮޖެކްޓު ބެލެހެއްޓުމާއި ނެގެހެއްޓުމާއި ދެމެހެއްޓުން. އެއީ ދާއިމީ ގޮތެއްގައި ބެލެހެއްޓުން." އަޒްހަދު ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން އޭނާ ވިދާޅުވީ އައިއޭސީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާހަކަށްވުރެ ގިނަ ފެންވަޅު ހަދާފައިވާ ކަމަށެވެ. އަދި އެތަންތަން ހަދާފައި ހުންނީ ވުޟޫ ކުރެވޭ ގޮތަށް އިސްކުރުބަރިއާވެސް އެކުގައި ކަމަށާއި، އެެއިން ތަނެއްގެ އިސްކުރަކަށް ނުވަތަ ފެން ޕަންޕަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކުރަން އެ ފައިސާ ހޭދަވާނެ ކަމަށެވެ. އަދި އެކަހަލަ ކުޑަ ކަމަކަށް ބޭނުންވާ ކޮންމެ ފަހަރަކު ފައިސާ ހޯދަން އިއުލާން ކުރުމަށް ވުރެ، އައިއޭސީގެ ބަޖެޓުގައި އެ ފައިސާ ހުރުމުން އެކަންކަން ހިންގަން ފަސޭހަވެގެންދާ ކަމަށާއި މަސައްކަތް އަވަސްވެގެންދާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއް މިއީ ފެންވަޅެއް ތަނެއްގައި ހަދާނަމަ ނޫނީ ސަދަގާ ޖާރިއާގެ ގޮތުގައި ތަނެއް ހަދާނަމަ އޭތި ބަރާބަރަށް އޮޕަރޭޓު ކުރޭތޯ ނޫނީ މައްސަލަ ޖެހޭޔޯ ބެލުމަކީ. އެގޮތުގެ މަތިން އަޅުގަނޑުމެން ބަރާބަރަށް ބަލަމުން ދާނެ، ރިޕޯޓިން ސިސްޓަމެއް އޮންނާނެ" އަޒްހަދު ވިދާޅުވިއެވެ.

އައިއޭސީން ޖަމާކުރާ ރައްޔިތުންގެ އެހީ ފޮނުވަން ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަވަމުން އަޒްހަދު ވިދާޅުވީ އެ ފައިސާ ޓްރާންސްފާކުރަންވެސް ހަރަދެއް ދާ ކަމަށެވެ. ޖަމިއްޔާ ފެށިގެން އައިއިރު ދިވެހިންގެ އެހީ ފޮނުވަން ޓީޓީ ކުރަން ޖެހެނީ އެ މަސައްކަތުގައި އުޅޭ މީހުން އަތުން "ޗަންދާ" އަށް ފައިސާ ނަގައިގެން ކަމަށާއި، ވެއާހައުސްއަކަށް ލާން ޖެހޭ އެއްޗެއް ހުއްޓަސް ޖެހެނީ ވެއާހައުސް ހޯދަން ސަލާން ޖަހަން ކަމަށެވެ. އެހެން ކަމުން އެގޮތަށް ޖަމިއްޔާ ނުހިންގޭނެކަން އެނގުނު ކަމަށާއި އައިއޭސީއާއެކު މަސައްކަތްކުރާ ބޭރުގެ ޖަމިއްޔާތަކުގެވެސް ލަފާގެ މަތިން އެކަން ހަރުދަނާކޮށް ހިންގުމަށް ފީއެއް ނަގަން ނިންމީ ކަމަށް ވިދާޅުވިއެވެ.

ޖަމިއްޔާތަކުގެ ގަވާއިދުތަކުގައި ވާގޮތުން ޓެކްސް ދައްކަން ލާޒިމެއް ނޫނެވެ. ނަމަވެސް އެ ޖަމާއަތްތައް ޓެކްސް ދައްކަން މީރާގައި ރަޖިސްޓަރީ ވާންޖެހޭ ހަތަރު ޝަރުތެއް ހިމެނެއެވެ. އޭގެ ތެރޭގައި، ހިދުމަތެއް ފޯރުކޮށްދީގެން ސޭލްސްގެ ގޮތުގައި ލިބޭ އަދަދު މިލިއަނަކަށްވުރެ އިތުރުވާނަމަ އާއި ކުރިއަށް އޮތް އަހަރަށް ސޭލްސްގެ އަދަދު މިލިއަނަކަށްވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރެވުން ހިމެނެއެވެ.

މިކަމުން އުފެދޭ ސުވާލަކީ އައިއޭސީން އެޑްމިން ފީގެ ގޮތުގައި ނަގާ 12.5 ޕަސަންޓު އެއީ އެ ޖަމިއްޔާއިން ފޯރުކޮށްދޭ ހިދުމަތަކަށް ނަގާ ފީއެއްގެ ގޮތުގައި ބެލެވޭނެތޯއެވެ. އައިއޭސީން ގާޒާއަށް އެހީވާން ހުޅުވާލާފައިވާ ފަންޑަށް މިހާރު 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 12.5 ޕަސަންޓަކީ 4.8 މިލިއަން ރުފިޔާއެވެ.

އައިއޭސީ މީރާގައި ރަޖިސްޓަރީކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަންތޯ "ވަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަޒްހަދު ވިދާޅުވީ ރަޖިސްޓަރީ ވާން ޖެހޭ ނަމަ ކުރައްވާނެ ކަމަށެވެ.

"ވަރަށް ކުރުކޮށް އަޅުގަނޑު ތިޔަށް ޖަވާބު ދޭނަން. މީރާގައި ރަޖިސްޓްރީ ކުރަން އަޅުގަނޑުމެންނަށް ވާޖިބުވާ ކަމަށް ވާނަމަ އަޅުގަނޑުމެން ކޮށްގެން ކުރިއަށް ގެންދާނީ." އަޒްހަދު ވިދާޅުވިއެވެ. އަދި މިހާރު ރަޖިސްޓަރީ ވެފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އައިއޭސީގެ އޮޑިޓް ރިޕޯޓު އާންމު ނުކުރާ ކަމީވެސް އެހީދޭ ދިވެހިންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާ ކަމެކެވެ. ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރާ މީހުން ދެކޭ ގޮތުގައި ރައްޔިތުންގެ ޖީބުން ދޭ ފައިސާއަށް އައިއޭސީން ހަދާ ނުހަދާ ސާފުކޮށް "ޓްރާންސްޕޭރެންޓް"ކޮށް އެނގެން ޖެހެއެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒްހަދު ވިދާޅުވީ އެ ޖަމިއްޔާއިން ކުރަނީ ތާޑް ޕާޓީ އޮޑިޓެއް ކަމަށާއި އޮޑިޓް ކުރަނީ އިންޓަނޭޝަނަލީ ހަރަކާތްތެރިވާ އޮޑިޓް ފާމަކާ ހަވާލުކޮށްގެން ކަމަށެވެ.

އޮޑިޓް ރިޕޯޓުތައް މިހާތަނަށް އާންމު ނުކުރަނީ ކީއްވެތޯ އަދި ކުރިއަށް އޮތް ތަނުގައި އާންމު ކުރާނަންތޯ "ވަން" އިން ސުވާލުކުރުމުން އަޒްހަދު ވިދާޅުވީ އޮޑިޓް ރިޕޯޓުތައް ހާމަކުރަން ޕްލޭނެއް އެބައޮތް ކަމަށާއި އެކަން ނުކުރެވި އޮތީ ގާޒާގެ ކަންތައްތަކުގައި އެ ޖަމިއްޔާގެ އެންމެންވެސް ބުރަކޮށް އުޅޭތީ ކަމަށެވެ. ހަމައެކަނި އޮޑިޓް ރިޕޯޓެއް ނެރުމަކީ އެކަން ކުރަން ޖެހޭ ގޮތް ކަމަށް އައިއޭސީ ގަބޫލު ނުކުރާ ކަމަށާއި އައިއޭސީން އެޔަށްވުރެ ބޮޑަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ދަންނަވާނަމަ އަޅުގަނޑުމެންނަށް ލިބޭ ފަންޑުގެ ބޮޑު ޕަސަންޓަކީ ރައްޔިތުންދޭ ކްރައުޑް ފަންޑެއް. އެ ޓްރަސްޓް ބިލްޑް ވެފަ މިއިނީ ރައްޔިތުންގެ ސައިޑުން. އެެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހަމައެކަނި އޮޑިޓް ރިޕޯޓު މިއޮތީއޭ ކިޔާފަ ޕަބްލިޝް ކޮށްލާފަ އަޅުގަނޑުމެން ތިބޭނީއޭ، އެހެން ކަމަށް އެކަންތައް ކުރަން ޖެހޭނީ އައިއޭސީން ގަބޫލެެއް ނުކުރާތީ ގާތްގަނޑަކަށް ބުނާނަމަ މި އަހަރުގެ މެދުތެރެއިން ފެށިގެން މި އަންނަނީ ތައްޔާރުވަމުން ޕަބްލިކް ފޯރަމަކަށް ދާން." އޮޑިޓް ރިޕޯޓު ރައްޔިތުންނަށް އާންމުކުރުމަށް އައިއޭސީގެ ޕްލޭން ވިދާޅުވެދެއްވަމުން އަޒްހަދު ވިދާޅުވިއެވެ.

އެ ފޯރަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ ފައިސާ ހަރަދުކޮށްފައިވާ ގޮތް ތަފްސީލުކޮށް ކިޔައިދިނުމަށް ޕްރެޒެންޓޭޝަންތަކެއް ދައްކާނެ ކަމަށާއި ހަރަދުކޮށްފައިވާ ދާއިރާތަކާއި އެކަމަށް ހޭދަވި ފައިސާއާއި ފައިސާއިން ކުރި ކަންތައްތައްވެސް ކިޔައިދޭނެ ކަމަށެވެ. އަދި އެ ފައިސާއިން ބެހީ މިތަކެއް ހޮޓް މީލް އާއި ބަނަސް ކަމަށާއި އެވަރަށްވެސް ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

އަޒްހަދު ވިދާޅުވީ ބައެއް ޖަމިއްޔާތަކުން އޮޑިޓް ރިޕޯޓު ހާމަކުރާއިރު އެޑްމިން ޗާޖުގެ ގޮތުގައި 40 ޕަސަންޓު އޮތަސް ސުވާލު ނުކުރާ ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓު އޮންނާތީ ރައްޔިތުން އެކަންކަމާ ސުވާލު ނުއުފައްދާ ކަމަށާއި އެއީވެސް މައްސަލައެއް ކަމަށެވެ.

އަޒްހަދު ވިދާޅުވާގޮތުން އެ ޖަމިއްޔާ އޮޑިޓް ކުރަނީ ތަފާތު ގޮތަކަށެވެ.

"އާންމުގޮތެއްގައި އޮޑިޓަރު އޮޑިޓްކުރާއިރުގައި ރޭންޑަމްކޮށް ޓްރާންސެކްޝަންތަކެއް ނަގާފަ މި ކުރަނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރިކުއެސްޓަކާ އެކީގައި، އަޅުގަނޑުމެންގެ އޮޑިޓް ލަސްވާ ސަބަބަކީވެސް މިއީ، ކޮންމެ ޓްރާންސެކްޝަނެއްވެސް ވަކިން އަޅުގަނޑުމެން ބޭނުން ބަލަން. އެއްވެސް އެއްޗެއް ރޭންޑަމްކޮށް ނަގައިގެންނެއް ނޫން، އަޅުގަނޑުމެން ހަމަ މުޅިއެތި އެއްކޮށް ބަލަން ބޭނުންވެގެންވެސް އަޅުގަނޑު އިންނާނެ ރިކުއެސްޓް ކޮށްފަ." އަޒްހަދު ކިޔައިދިނެވެ.

އައިއޭސީއާ މެދު ޝަކުވާ ބޮޑުވެފައިވާ ދުވަސްވަރު އެ ތަފްސީލު އާންމުކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ "ވަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ގާޒާ ފަންޑުން ހަރަދުކުރާ ގޮތުގެ ތަފްސީލު ސޯޝަލް މީޑިއާގައި އަންނަނީ އާންމުކުރަމުން ކަމަށެވެ. އަދި ކޮންމެ ޕްރޮޖެކްޓެއްވެސް ހިންގަނީ ވަކި ސިސްޓަމެއްގެ ތެރެއިން ކަމަށާއި ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާފައި އެކަމަށް ދިޔަ ހަރަދާއި ފަންޑުގައި ބާކީ ހުރި ފައިސާގެ ތަފްސީލުވެސް ސޯޝަލް މީޑިއާގައި އާންމުކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.