ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ އިޒްރޭލުގެ ދެ ބޯޓަކަށް ހޫތީން ހަމަލާދީފިއެވެ.

ޔަމަނުގެ ހޫތީން ބުނީ، ޔުނިޓީ އެކްސްޕްލޯރާ އާއި ނަންބާ ނައިން ނަމަކަށް ކިޔާ އެ ދެ ބޯޓަށް ހަމަލާ ދިނީ ޑްރޯން އާއި މިސައިލު ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ދެ ބޯޓަށް ހަމަލާ ދިނީ ހޫތީންގެ އަމުރަށް ނުކިޔަމަންތެރި ނުވުމުން ކަމަށްވެސް ބުންޏެވެ.

ހޫތީން ހަމަލާގައި ދެ ބޯޓަށްވެސް އެކިވަރުގެ ގެއްލުން ލިބުނުއިރު، އެމެރިކާއިން ވަނީ ރަތް ކަނޑުގައި ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދޭން ފެށުމަކީ އިޒްރޭލާއި ހަމާސްއިން ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް ކަނޑުދަތުރުކުރާ ސިނާއަތު ވެއްދުމަށް ހޫތީން ކުރަމުން ގެންދާ ކަމެއް ކަމަށް ބުނެފައެވެ.

ހޫތީން ގެންދަނީ އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ބަދަލެއްގެ ގޮތުން ޔަމަނުގެ ބޯޑަރު ހިމެނޭ ސަރަހައްދުން އިޒްރޭލަށް ޑްރޯންތަކާއި މިސައިލުތަކުން ހަމަލާ ދެމުންނެވެ.