އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ވިއްކުން މަނާވާ މުއްދަތު ފަސްކޮށް، ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީވެސް މަނާކުރުމަށް ނިންމައިފިއެވެ.
އެންވަޔަަރަމަންޓް މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި ފެށޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ފްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ. އަދި އަންނަ މާޗް މަހުން ފެށިގެން އެ ފެން ބާޒާރަށް ނެރުން ވެސް މަނާވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް [ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން](https://gazette.gov.mv/gazette/6912) ވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އަންނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެތެރެކުރުމާއި އުފެއްދުން މަނާކުރައްވައިފައެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރޭ ގޮތަށް މުއްދަތު ފަސްކުރައްވައިފައެވެ.
ރައީސް މުއިއްޒުގެ ގަރާރުގައި ވަނީ ޕްލާސްޓިކްގެ އެހެން ބާވަތްތައް އުފެއްދުމާއި އެތެރެކުރުން މަނާކުރާނެ ތާރީހުތައް ވެސް ހިމަނުއްވައިފައެވެ. އޭގެ ތެރޭގައި 14 ބާވަތެއް ހިމަނުއްވާފައިވާ އިރު، އަލަށް އިތުރުކުރެވިފައިވަނީ ޕްލާސްޓިކް ޕެކެޓު ފިޔަވައި އެހެނިހެން ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީއެވެ. ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި އެތަކެތި އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ވަނީ ނިންމައިފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތައް މަނާކުރުމަށް ފުރަތަމަ ނިންމަވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ފުޅިމަދު (ސްޓައިރަފޯމް) ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ
- ޕްލާސްޓިކް ޕެކެޓު ފިޔަވައި އެހެނިހެން ޕްލާޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލައިފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި އާއި ކޮންޑިޝަނާ އަދި ލޯޝަން
- ބާޒާރު ކުރަން ބޭނުން ކުރާ 50 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް
ޚަބަރު
ޚަބަރު
ޚަބަރު