ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ރޭ ބުނީ އެ މަނިކުފާނުގެ އަރިހުގައި، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފުދު ވެސް ވަޑައިގެންނެވި ކަމަށެވެ.
ކޮޕް28 ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ރައީސް ޑރ. މުއިއްޒު ރޭ ދުބާއީއަށް ވަޑައިގަތީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުއެވެ.
ރައީސް އޮފީހުން ބުނީ ކޮޕް28 ބައްދަލުވުން ވާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ.
ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެގަތުމުގެ ކަންކަން ކުރަމުންދާ މި ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ. ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ ވަރު ވަޒަން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު