ސިނަމާލެ ބުރިޖުގެ ހައިވޭގައި ކުރީގެ ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނެގުމުގެ މަޝްވަރާތައް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި ދެ ރަށަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެކަމުގެ ތަފްސީލުތައް ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ހައިވޭގައި ސޯލާ ޕެނަލް ހަރުކޮށްފައިވަނީ ވޯލްޑް ބޭންކުގެ މަޝްރޫއެއްގެ ދަށުން ވަކި ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ރާވާފައި އޮތީ، އެ ކުންފުނިން އެެ ޕެނަލްތައް ވަކި މުއްދަތެއް ވަންދެން ބަލަހައްޓައި ސްޓެލްކޯއަށް ކަރަންޓު ވިއްކާ ގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރީ ލޮކޭޓްކުރުމުގެ މަޝްވަރާ ފައްޓައިފިން، ކޮންޓްރެކްޓަރާ އެއްކޮށްވެސް އަދި ސްޓެލްކޯއާއެކުގައި ވެސް މަޝްވަރާތައް ކުރަމުން މިދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

ހައިވޭގައި ސޯލާ ބެހެއްޓުމުގެ މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

އެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފައިވަނީ 24 ނޮވެމްބަރު 2020 ގައެވެ. ސޯލާ ޕެނެލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 7 ޑިސެމްބަރު 2022 ގައެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

ސިނަމާލޭ ބުރިޖުގެ ހައިވޭގެ އެއާޕޯޓު ޓްރެފިކް ލައިޓުގެ އިރުމަތީ ފަރާތުން ހުޅުމާލެއަށް ދާން އޮންނަ ލޭނުން ފެށިގެން ހުޅުމާލެއަށް އަރާ މަގުގެ އެއްބައިގައިވެސް ވަނީ ސޯލާ ޖަހައިފައެވެ. އަދި ހައިވޭގައި އޯވަޓޭކް ކުރަން ހަމަޖައްސާފައިވާ ސަރަހައްދުގައިވެސް ހައިވޭގެ މެދުން ވަނީ ސޯލާ ޖަހައިފައެވެ.