ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާ ކުރި އެހީ ބަރުކޮށްފައިވާ ލޮރީތައް ގާޒާއަށް ވަދެފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

އައިއޭސީގެ މީޑިއާ ޑިރެކްޓަރު އަދުމަދު އަޒްހަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ލޮރީތައް ފުރަތަމަ ވެއްދީ އިޒްރޭލު ފަޅިއަށް ކަމަށެވެ. އަދި އެ ތަނުން އެ ލޮރީތައް ޗެކުކުރުމަށްފަހު ލޮރީތަކުގައި ހުރި ތަކެތި އެހެން ލޮރީތަކަށް އަރުވައިގެން ކަރީމް އަބޫ ސާލިހު މަގުން ގާޒާއަށް ވަދެފައިވާ ކަމަށް ވިދާޅުވިއެވެ.

އައިއޭސީގެ ގާފިލާގައި ޖުމުލަ ހަ ލޮރީ ހިމެނެއެވެ. އެ ލޮރީތަކުގައި ޖުމުލަ 700،000 އެމެރިކާ ޑޮލަރުގެ މުދާ ބަރުކޮށްފައިވާ ހަތް ކޮންޓެއިނަރު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭހާއި ސިއްހީ ސާމާނު ބަރުކޮށްފައިވާ ތިން ކޮންޓެއިނަރާއި ފެނާއި ފުށް ބަރުކޮށްފައިވާ ހަތަރު ކޮންޓެއިނަރެވެ. އޭގެ ތެރޭގައި ކުޑަކުދީން ބޯ ކިރުޕެކެޓުވެސް ހިމެނެއެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު އަސީރުން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ މެދުކަނޑާލާފައިވާ އިރު، މިއަދަކީ ހަނގުރާމަ މެދުކަނޑާލައިފައި އޮންނަތާ ހަތަރު ވަނަ އަދި އެންމެ ފަހު ދުވަހެވެ. އެ މުއްދަތު އިތުރު ކުރުމަށް ގަތަރާއި މިސްރު އަދި އެމެރިކާވެސް ދަނީ ބާރުއަޅަމުންނެވެ.