ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ދައްކާފައިވާ ކަމަށްބުނެ، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައި އަޑުގަދަ ވެފައިވަނިކޮށް އާންމުންގެ ކިބައިން އޭނާ މައާފަށް އެދިއްޖެއެވެ.
އިސްލާމްދީނުގެ ބައެއް ކަންކަމަށް ލުބުނާ ފާޑުކިޔައި މީގެ ކުރިން އެކްސްގައި ކުރައްވާފައިވާ ޕޯސްޓުތަކެއްގެ ސްކްރީންޝޮޓުތަކެއް އާންމުވެ، އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި އޭނާއަށް އަމާޒުވެފައެވެ. އަދި އޭނާ މަގާމުން ދުރުކުރުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލަމުންދިޔައެވެ.
ލުބުނާއަށް ފާޑުކިޔުން ބޮޑުވެފައިވަނިކޮށް އޭނާ ވަނީ، މައާފަށް އެދިވަޑައިގެން، އެކްސްގައިި މިއަދު ބަޔާނެއް އާންމުކުރައްވައިފައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވީ، އިސްލާމްދީނަށް ގެއްލުމެއް ދިނުން ނުވަތަ އެއްވެސް މީހެއްގެ އަގީދާއަށް ގެއްލުމެއް ދިނުމަކީ އޭނާގެ ވިސްނުމެއް ނޫން ކަމަށާއި އެފަދަ ކަމެއް ވެފައިވާ ނަމަ މައާފަށް އެދޭ ކަމަށެވެ.
"ރާއްޖޭގައި ދީނުގެ މިނިވަންކަމަށް އަޅުގަނޑު ތާއީދެއް ނުކުރަމެވެ. އަދި އެކަމަށް ވަކާލާތުވެސް ނުކުރަމެވެ. މީގެ އަށް އަހަރު ކުރިން ކުރި ޓުވީޓު (މިހާރުގެ އެކްސްގައި ކުރި ޕޯސްޓު)ތަކަކީ އަޅުގަނޑުގެ ލޮބުވެތި ދީނަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ކުރި ޓުވީޓުތަކެއް ނޫނެވެ. ﷲ ތައާލާގެ ހަޟްރަތުންނާއި އަޅުގަނޑުގެ އެއްވެސް ޓުވީޓެއްގެ ސަބަބުން އަސަރުކޮށްފައިވާ މީހުންގެ ކިބައިން މައާފަށް އެދެމެވެ،" ލުބުނާ ވިދާޅުވިއެވެ.
ލުބުނާއަކީ، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޒާހިރު ހުސައިންގެ ދަރިކަނބަލުންނެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން ދެ ބޭފުޅަކު ވަކިކުރައްވައިފައެވެ. އެއީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މުހައްމަދު ފަހުމީ ހަސަނާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މުންނިމް އަނީސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު