ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހި ނޫސްވެރިކަމަށް ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ދައުރުގައި ނޫސްވެރިކަން ކުރިއެރުވުމަށް ރައީސްގެ ސިޔާސަތުގައި ވަރަށް ހާއްސަ ކަމެއް ދެއްވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން، މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ ވައުދުފުޅާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގުފަހި ކޮށްދިނުމުގެ ވައުދުފުޅާއި މީޑިއާ ވިލެޖު ހެދުމުގެ ވައުދުފުޅާއި ތަފާތު ކުރުމެއް ނެތި ހުރިހާ މީޑިއާއަކަށް މައުލޫމާތު ދިނުމުގެ ވައުދުފުޅާއި އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނު ކުރުމުގެ ވައުދުފުޅު، ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
"ދިވެހި މީޑިއާތަކާއި ދިވެހި ނޫސްވެރިކަމަށް ކުރިއެކުމާއި ކާމިޔާބީ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގެނެސްދެއްވާނެ" ނައިބު ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ގައުމުގެ އެންމެ ގަދަފަދަ ބާރު ކަމަށެވެ. އެގޮތުން ތެދު މައުލޫމާތު ފެތުރުމާއި މީހުން ހޭލުންތެރިކުރުމުގައި ނޫސްވެރިންގެ ދައުރު ބޮޑުކަން އެމަނިކުފަނު ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިކަމަކީ ވަކި ވަގުތެއް އޮތް މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ވަގުތެއްގައި ދިމާވާ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް ކިޔައިދޭނީ ނޫސްވެރިން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު