އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން (އައިއޭސީ) އިން ގާޒާއަށް 28000 ލީޓަރު، 28 ޓަނުގެ ތެޔޮ ފޯރުކޮށްދީފިއެވެ.
އައިއޭސީން މިއަދު ބުނީ ދިވެހިން އެހީގައި މިއަދު ގާޒާގެ ދީރް ބަލާ މުނިސިޕަލްޓީއަށް 28000 ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ، މި ތެލުން ގޭގެއަށް ފެން ފޯރުކޮށްދޭ މައި ފެން ޕްލާންޓާއި ނަރުދަމާ ޕްލާންޓްތަކަށް ހިންގުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އައިއޭސީން ވަނީ މިމަހުގެ 3 ވަނަ ދުވަހުވެސް 20،000 ލީޓަރުގެ ތެޔޮ އަލް އަގްސާ މާޓިޔާސް ހޮސްޕިޓަލަށް ފޯރުކޮށްދީފައެވެ. އެ ޖަމިއްޔާއިން ހިއްސާ ކުރި ވީޑިއޯ މެސެޖެއްގައި، އެ ހޮސްޕިޓަލުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު އަލް ހާޖު ވަނީ ދިވެހިން ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިންނާއި އައިއޭސީއަށް ޝުކުރު އަދާކުރައްވައިފައެވެ.
ހަމާސް އާއި އިޒްރޭލުން އެއްބަސްވެފައިވާ ގޮތުގެ މަތިން އިއްޔެއިން ފެށިގެން ހަތަރު ދުވަހަށް ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލައިފައެވެ. އަދި އެއްބަސްވުމުގައި ވާގޮތުގެ މަތިން ދެ ފަރާތުން ވެސް ވަނީ ކަންތައްތަކަކަށް އެއްބަސްވެފައެވެ.
އިޒްރޭލުން ޑިމާންޑުކޮށްފައިވާ ގޮތަށް ހަމާސް އިން ވަނީ 24 މީހުން ދޫކޮށްލައިފައެވެ. އޭގެތެރޭގައި ހިމެނެނީ އިޒްރޭލުގެ 13 މީހަކާއި ތައިލެންޑުގެ 12 މީހެކެވެ.
އެއްބަސްވުމުގެ މެދުވެރިޔަކަށްވި ގަތަރުގެ ބެލުމުގެ ދަށުން އެ 24 މީހުން ވަނީ އިންޓަނޭޝަލަން ރެޑް ކްރަސަންޓުގެ އެހީގައި ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ގެންގޮސްފައެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރޭގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 35،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާދީފައިވާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު