ސައުތު އޭޝިއަން އެސޯސިއޭޝަންސް ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވައި ދެއްވި ފުރަތަމަ ތަގުރީރަކީ ހަރުދަނާ، އުންމީދީ، އަދި ފުރިހަމަ ތަގުރީރެއްގެ ގޮތުގައި ސިފަކުރައްވައި، މި ސަރުކާރަކީ އުޖާލާ މުސްތަގުބަލެއް އޮތް ސަރުކާރެއް ކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި، ރައީސް އާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސަރަހައްދީ ގައުމުތަކުގެ ކުރިއެރުމަށް ސާކްގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސާކް ގައުމުތަކުން ގުޅިގެން މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.