މުލީއާގެ މަރާމާތުކުރަނީ ކޮންމެހެން ކުރަން ޖެހޭ ބައެއް މަރާމާތުތައް ހުރުމުން ކަމަށާއި އެ މަސައްކަތް ކުރާ އިރު، އެ އިމާރާތުގެ އަސްލު ގެއްލޭނެ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އާ ސަރުކާރުގެ ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތުކުރުމަށް ސަރުކާރުން ނިންމުމުން އެ އިމާރާތަށް ބަދަލުތަކެއް ގެންނަން އުޅޭކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

މިނިސްޓަރު އާދަމް ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ، މުލިއާގެ މަރާމާތުކުރަނީ އެތަނުގެ އަސްލު ސަލާމަތްކުރުމަށް ކަމަށެވެ.

"އެއީ އެތަނަށް ދެވޭ ފަރުވާއެއް. މުލީއާގޭގެ ވިރާސީ ތަރިއަކަށް އެއްވެސް ބަދަލެއް ނާންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މުލީއާގޭގެ މަރާމާތުގެ މަސައްކަތަށް ނަގާނީ ކިހާ ދުވަހެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެ ގެކޮޅު މަރާމާތުކޮށް ނިމެންދެން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވެސް ވިދާޅުވީ މުލިއާގެ މަރާމާތުކުރާނީ އަސްލަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. އަދި މުލިއާގެ މަރާމާތުކުރުމަށް ހިނގާ ހަރަދުގެ އަދަދު ބެއްލެވުމަށްފަހު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުލިއާގެއަކީ، އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި މީގެ 104 ކުރިން އިމާރާތްކުރި ގެކޮޅެކެވެ.