އިސްލާމީ ގައުމުތަކުގެ ސުލްހަ މަސަލަސްކަމާއި ކުރިއެރުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިއަދު މެންދުރު ރައީސް އޮފީހުގައި، އޯއައިސީގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަލަސްތީނުގެ ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކީން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އޯ.އައި.ސީ. އިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފިހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އޯ.އައި.ސީ.ގެ އެހެން މެންބަރުންގެ ފަރާތުން ރައިސް ޑރ.މުއިއްޒު ދިވެހިރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ގާބިލު ޒައާމަތުގައި ރާއްޖެއަށް އިންގިލާބީ ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފާޅުކުރެއްވި ކަމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮ ޕޮލިޓިކަލް އެފެއާޒް ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށް ޓަކައި އޯ.އައި.ސީ. އިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެކަމުގައި ވިދާޅުވެ، އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގެ ސަރުކާރާ ގުޅިގެންކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު