ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާލިދު އަބޫ އަލީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުކުރުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މި ދުވަސްވަރު ގާޒާގެ ހާލަތާ ގުޅޭގޮތުން ކަމަށެވެ.

އެގޮތުން، ދިވެހިންގެ ފަރާތުން މި ހިތްދަތި ދަނޑިވަޅުގައި ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ދޭ އޯގާތެރިކަމާއި ބަހައްޓާ ގާތްކަން ވާލިދު އުފަލާއެކު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެކަން އެގޮތަށް ދަމަހައްޓައި، ފަލަސްތީނަށްޓަކައި އަޑު އުފުލުންމަތީ ދެމިތިބުމަށް އެދިލެއްވި ކަމަށް ބުންޏެވެ.

ވާލިދުގެ ވާހަކަފުޅު އަޑުއެއްސެވުމަށް ފަހު، ފަލަސްތީނުގެ ހާލަތަކީ ދިވެހިންގެ އެންމެ ހަގު އުމުރުފުރައިން ފެށިގެން އެންމެ ދޮށީ އުމުރުފުރާގެ ފަރާތްތަކުގެވެސް އެއް ޝުއޫރެއްގެ ގޮތުގައި އޮއް މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ރާއްޖޭން އިޒްރޭލަށް ހާރިޖީ ގުޅުން ކަނޑާލައި، އިޒްރޭލު ޕާސްޕޯޓު ބޭންކުރުމަށް ގޮވާލައި މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ. ފަލަސްތީނުގެ ސަފީރު ވަނީ އެ ސަރަހައްދަށް ވަޑައިގެން އިހުތިޖާޖު ކުރަމުން ދިޔަ މީހުންނާވެސް ބައްދަލުކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރުކަމަށް އާދަމް ނަސީރު އިބްރާހީމް އައްޔަނުކުރެއްވީ ރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މިނިސްޓްރީ މީގެ ކުރިން އޮތީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޗް މިނިސްޓްރީގެ ނަމުގައެވެ.