އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއެއް އުފައްދަން ނިންމައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހު ރައީސް ކަމަށް ހަވާލުވާ ޑރ. މުއިއްޒުގެ ސަރުކާރުގައި މުޅިން އަލަށް ތިން މިނިސްޓްރީއެއް އުފައްދާނެއެވެ. އޭގެ ތެރޭގައި ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއެއްވެސް ހިމެނެއެވެ. ނަމަވެސް އެ މިނިސްޓްރީއަށް އައްޔަނުކުރައްވަނީ ކޮން ބޭފުޅެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.

މުއިއްޒުގެ ސަރުކާރުގައި ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއެއް އުފައްދާ އިރު، މިހާރު ހުންނަނީ ދިވެހި ބަހަށް ހާއްސަ އެކަޑަމީއެކެވެ. އެ އެކަޑަމީ ހިންގަނީ ހެރިޓޭޖު މިނިސްޓްރީގެ ދަށުންނެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ޑރ. މުއިއްޒު މިއަދު ވަނީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމުގެ އިޝާރާތެއްވެސް ކުރައްވައިފައެވެ.

"ކޮންމެވެސް ވަރަކަށް އާ މިނިސްޓްރީތައްވެސް ހުންނާނެ. އަޅުގަނޑު ކެމްޕެއިނުގައިވީ ބައެއް ވައުދުތައް ހުންނާނެ. އެގްރިކަލްޗަރަލް މިނިސްޓްރީއެއް އުފައްދާނެ ވާހަކަ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރާނެ މިނިސްޓްރީއެއް އުފައްދާނެ ވާހަކަ، ދިވެހި ބަހަށް ހާއްސަކަމެއް ދޭނެކަން މިނިސްޓްރީތަކުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ސަރުކާރުގައި ބައެއް މިނިސްޓްރީތައް އެއްކޮށްލައި ބައެއް މިނިސްޓްރީތައް ވަކިކޮށްފައިވާ އިރު، އަލަށް އުފައްދާ މިނިސްޓްރީތަކަކީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއަކާ ލޯކަލް ގަވަރުނަންސް މިނިސްޓްރީއެވެ.

  • ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ: ތޯރިގު އިބްރާހިމް
  • ޖެންޑާ މިނިސްޓްރީ: ޑރ. އައިޝަތު ޝިހާމް
  • ޓްރާންސްޕޯޓް މިނިސްޓްރީ: މުހައްމަދު އަމީން (ކެޕްޓަން އަމީން)
  • ފޮރިން މިނިސްޓްރީ: މޫސާ ޒަމީރު
  • ޑިފެންސް މިނިސްޓްރީ: ގައްސާން މައުމޫން
  • ލޯކަލް ގަވަރުނަންސް މިނިސްޓްރީ: އާދަމް ޝަރީފް އުމަރު
  • ފިޝަރީޒް މިނިސްޓަރު: އަހުމަދު ޝިޔާމް
  • ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: އިބްރާހިމް ވަހީދު (އަޝްވާޑު)
  • އެގްރިކަލްޗަރަލް މިނިސްޓްރީ: ޑރ. އައިޝަތު ރަމީލާ
  • އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ: ޑރ. އަބްދުﷲ މުއްތަލިބު
  • އިކޮނިމިކް މިނިސްޓްރީ: މުހައްމަދު ސައީދު
  • ޓޫރިޒަމް މިނިސްޓްރީ: އިބްރާހިމް ފައިސަލް
  • ހައުސިން މިނިސްޓަރު: ޑރ. ހައިދަރު އަހުމަދު
  • ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލް
  • އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
  • ހޯމް މިނިސްޓަރު: ޑރ. އަލީ އިހުސާން
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
  • އިސްލާމިކް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ސްޕޯޓްސް މިނިސްޓަރު: ޑރ. އަބްދުﷲ ރާފިއު
  • ފިނޭންސް މިނިސްޓަރު: ޑރ. މުހައްމަދު ޝަފީގު