ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ މަޝްރޫއުތައް ނިންމުމަށް އިތުރު ހަ މަސް ދުވަސް ދޭން އިކޮނިމިކް ކައުންސިލުން ނިންމާފައިވާ އިރު، އެއީ އެ ކައުންސިލަށް އަދި ފިނޭންސް މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ މަޝްރޫއުތައް ނިންމުމަށް އިތުރު ހަ މަސް ދުވަސް ދޭން ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ނިންމައިފައެވެ.

އިކޮނޮމިކް ކައުންސިލުން ނިންމައިގެން ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި، އެ މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، އެގޮތަށް ލުއިދޭން ނިންމާފައިވަނީ 2020 ވަނަ އަހަަރު ކޮވިޑުގެ ހާލަތު އިއުލާން ކުރި ފަހުން، މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސޮއިކޮށްފައިވާ މަޝްރޫއުތަކަށް ކަމަށެވެ.

އެ ލުއި ބޭނުންވާ ކުންފުނިތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދި މި މަހުގެ 16ގެ ކުރިން އެ މަޝްރޫއުތައް ހިންގާ އޮފީސްތަކަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ސާކިއުލާގައިވާ ގޮތުގައި މުއްދަތު އިތުރުކުރަން އެދޭ ކޮންޓްރެކްޓަރުންނަށް ދައުލަތުގެ އިދާރާތަކުން މުއްދަތު އިތުރުކޮށްދޭން ޖެހެއެވެ.

މ. ދިމްޔާތުގައި ހުންނަ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރުއުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރަން ނިންމި މައްސަލައިގައި ފިރުޒުލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ފިރުޒުލް ވިދާޅުވީ، މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލުގެ ނިންމައިގެން ކަމަށް އެކަމާބެހޭގޮތުން ނެރުނު ސާކިއުލާގައި ބުނެފައިވާ އިރު، އެއީ އެ ކައުންސިލްގެ މެއިންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެބާރު ކައުންސލަށް ލިބިގެންނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުގެ ތެރެއިން އިކޮނޮމިކް ކައުންސިލަށް ލިބިދޭ ބާރަކީ ސަރުކާރުގެ އެކި ދާއިރާތަކުން ކުރިއަށްގެންދާ ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ތަރައްގީގެ މަޝްރޫއުތައް ވިލަރެސް ކުރުމަށް ދިމާވާ ދަތިތައް ބެލުމާއި އެކަންކަން ހައްލު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ގަވާއިދުގައި ވަކި ގޮތެއް ކަނޑައަޅާފައިވާ ކަންތަކާ ގުޅިގެން އަމަލު ކުރަން ޖެހޭނީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި އެ ކަމެއް ކުރުމުގެ ބާރު ލިބިގެން ވަނީ އެ ކަމެއް ކުރުމަށް އެ ގަވާއިދުން ބާރު ދީފައިވާ ފަރާތަކަށް އެކަނި ކަމަށްވާތީ، އެ ކޮންޓްރެކްޓުތަކުގެ މުއްދަތު އިތުރު ކުރުމުގެ ބާރު މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފަދަ ގޮތަކަށް ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރަން ނިންމި އިރު، މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެފަދަ ކަމެއް ކުރުމަށް ފިނޭންސް މިނިސްޓަރަށް ބާރު ލިބެންޖެހޭ ފަދަ ހާލަތެއް މިހާރު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ކުރާ އިރު ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވައި، އޭގެ ތެރެއިން ކޮންމެ ޕްރޮޖެކްޓެއް ވަކިވަކިން ބަލައި ޕްރޮޖެކްޓް ނުނިމިދިޔަ މުއްދަތަކީ އެ ކޮންޓްރެކްޓަރުންގެ އިހުމާލެއް އެއްވެސް ގޮތަކަށް ނެތް މުއްދަތެއްކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް އަދި އެއްވެސް މުވައްޒަފަކަށްވެސް ހައިސިއްޔަތު ލިބިގެންވާ ބާރެއް ނޫން ކަަމަށެވެ.

ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 14 މާޗް 2022 ގައި އުވާލައިގެން މި ވޭތުވެދިޔަ މުއްދަތަކީ އެ މަޝްރޫއުތައް ނިންމަން އެކަށީގެންވާ މުއްދަތެއް ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި، މުއްދަތު އިތުރު ކުރަން ނިންމި ޕްރޮޖެކްޓުތަކުގެ ތެރޭގައި މެއި 2023ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތައް ހިމަނާފައި ވާއިރު، 14 މާޗު 2022 އިން ފެށިގެން 30 މެއި 2023އާ ހަމައަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި މުއްދަތު ކަނޑަޅާފައި ހުންނަން ޖެހޭނީ ކޮވިޑް-19ގައި އެ ދިމާވި ދަތިތަކަށް އެޑްޖަސްޓުވާ ގޮތަށް، އެކަށީގެންވާ ޖާގަ ލިބޭ ގޮތަށް ރިއާޔަތް ކޮށްގެން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.