މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި ދާއިމީ ލިސްޓަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް އަދި ހުށަހަޅާފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިހާރު އިމާރާތް ކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުން އެނގޭ ގޮތަށް ހައުސިން މިނިސްޓްރީން ދާއިމީ ލިސްޓު އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ޕޮއިންޓް ދީފައި ހުރި ގޮތާ ގުޅިގެން ނުރުހުންވެ ހައުސިން މިނިސްޓްރީގައި ބަޔަކު އިހުތިޖާޖު ކުރުމުން މިނިސްޓްރީން ވަނީ ހަމަ އެ ދުވަހު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެމްބަރު މުހައްމަދު އާރިފް ވިދާޅުވީ، ތިން ކޮޓަރީގެ ފްލެޓްތަކަށް 2،000 އެއްހާ ޝަކުވާ އަދި 2 ކޮޓަރީގެ ފްލެޓުތަކަށް 900 ޝަކުވާ މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލިސްޓަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މާލޭގައި ދިރިއުޅުނު މުއްދަތަކީ ޕޮއިންޓް އިތުރުވާ ކަމެއް ނޫން ކަމަށާއި އޭގެން ދޭހަވަނީ ފްލެޓް ލިބުމުގެ ޝަރުތު ހަމަވާކަން އެކަނި ކަމަށެވެ. ނަމަވެސް ގިނަ މީހުން ޝަކުވާ ހުށަހަޅާފައި ހުރީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ބުނެފައި އެބަހުރި ތިމަންނާއަށް ލިބެންޖެހޭނޭ މިހާވަރުގެ ސްކޯ، ދެން އަޅުގަނޑުމެން އެ ބޭފުޅާގެ ފޯމު ހުޅުވާފައި ބަލައިލަން އެބަ، ބަލައިލާއިރު އެ ބޭފުޅާ ފޯމުގައި ހުށަހަޅާފައި ހުރި މައުލޫމާތުން ލިބޭވަރު ލިބިފަ ހުރީ،" އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށާއި ސޯޝަލް މީޑިއާއިން ފެންނަ ޝަކުވާތައްވެސް ބަލައި އިވެލުއޭޓް ކުރަމުންދާ ކަމަށެވެ. އަދި ސްކޯރިން ރިޕޯޓް އެ މީހެއްގެ ޕޯޓަލުން މިހާރު ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކުރަމް ކަމާލުއްދީން ވިދާޅުވީ ޝަކުވާތަކާ ގުޅިގެން ޑިސްކޮލިފައި ކުރަންޖެހޭ ބައެއް ނަމަ ޑިސްކޮލިފައި ކުރައްވާނެ ކަމަށެވެ.

"އެކި ފަރާތްތަކުން ހުށަހަޅާ މައުލޫމާތުގެ މައްޗަށްވެސް އަޅުގަނޑުމެން ބަލަން ޖެހިދާނެ އިތުރަށް، އެހެންވީމަ އެ މައުލޫމާތު ބަލާފައި ޑިސްކޮލިފައި ކުރަން ވެއްޖެއްޔާ ޑިސްކޮލިފައި ކުރާނަން، އަދި އިތުރަށް ދޭންޖެހޭ ފަރާތްތަކަށް ދޭން ޖެހިއްޖެއްޔާ އެކަމަށް ގޮތެއް ވިސްނާނަން،" އަކުރަމް ވިދާޅުވިއެވެ.