ސްޕޭސް އެކްސްގެ ވަރުގަދަ ''ސްޓާ ޝިޕް'' ޖައްވަށް ފޮނުވާލަން ތައްޔާރުވާން ފަށައިފިއެވެ.

އެލަން މަސްކުގެ ސްޕޭސް އެކްސް އިން ވަނީ އެކުންފުނީގެ ސްޓާ ޝިޕްގެ ސެވަނަ ޓެސްޓު ފްލައިޓު މިމަހުގެ މެދުތެރޭ އުދުއްސާލާނެ ކަމަށް އިއުލާންކޮށްފައެވެ.

ސްޕޭސް އެކްސް އިން ސްޓާ ޝިޕް ލޯންޗު ކުރާނެ ކަމަށް އިއުލާން ކުރި ނަމަވެސް އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން އަދި އެ އުޅަނދަށް ހުއްދަ ދީފައެއް ނުވެއެވެ.

އެލަން މަސްކު ވަނީ މިފަހަރު ސްޓާ ޝިޕްގެ މިޝަން ކާމިޔާބު ވެއްޖެނަމަ، މާސްގައި ދިރިއުޅުމަށް ކުރަމުންގެންދާ ހުވަފެން ހަގީގަތަކަށް ވުމަށް ކައިރިވާނެ ކަމަށް ބުނެފައެވެ.

ސްޕޭސް އެކްސްގެ ސްޓާ ޝިޕް ގައޮ 33 އިންޖީނު ހުންނާނެއެވެ. އަދި އޭގެން 551،000 ޕައުންޑުގެ ބަރުދަން އުފުލާލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ސްޓާ ޝިޕްގެ ފުރަތަމަ ލޯންޗިން މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފެއިލްވެފައި ވަނީ އެ އުޅަނދުގެ ބޫސްޓަރާ ވަކި ކުރުމަށް ބޭނުންކުރާ ބައިގައި މައްސަލަ ޖެހިގެންނެވެ.

އެމެރިކާގެ އެފްއޭއޭ އިން ވަނީ ސްޕޭސް އެކްސް އިން އެ ހާދިސާ ތަހުގީގު ކުރުމުން ނޫނީ އިތުރު އުޅަނދެއް ލޯންޗު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފައެވެ.